ޚަބަރު

ޓެލިކިލާހަށް ބައިނަލްއަޤުވާމީ އެވޯޑެއް


ތަޢުލީމީދާއިރާގައި ބޭނުންކުރާ އީޖާދީ އުފެއްދުންތަކަށް ޚާއްސަކޮށްދޭ ބައިނަލްއަޤުވާމީ އެވޯޑެއް ކޯވިޑް-19ގެ ތެރޭގައި ހިންގި ޓެލިކިލާހަށް ލިބިއްޖެއެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައިދޭ ވެންހުއި އެވޯޑް ފޯރ އެޑިއުކޭޝަނަލް އިނޮވެޝަންގެ އެވޯޑެއް ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.

ކޯވިޑް-19ގެ ސަބަބުން ސްކޫލަށް ގޮސްގެން ކިޔެވުން ކުރިއަށް ގެންދެވޭނެ މަގު ބަންދުވުމާއެކު ކުދިންގެ ކިޔެވުން މެދުކެނޑިޔަ ނުދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސްކޫލްތަކާއި ގުޅިގެންވަނީ ޓެލިކިލާސް ކުރިއަށްގެންގޮސްފައެވެ. ފުރަބަންދާ ގުޅިގެން މިދިޔަ 2020ވަނަ އަހަރުގެ މާޗުމަހުގެ 15ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ޕަބްލިކް ސަރވިސް މީޑިއާގެ ޔެސްޓީވީއާއި މުންނާރު ޓީވީއާއި ދިވެހި ޗެނަލާ ގުޅިގެންވަނީ ކުދިންގެ ކިޔެވުމަށް ބޭނުންވާ ފިލާވަޅުތައް ރިކޯޑުކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ގެނެސްދީފައެވެ.

އެގޮތުން މިކަމުގައި ސްކޫލްތަކުގެ އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފާހަގަކުރައްވަމުންގެންދަވާއިރު މި ޓެލިކިލާސްތަކަށް މިވަނީ ބައިނަލްއަޤުވާމީ އެވޯޑެއް ލިބިފައެވެ.

ތަޢުލީމީ ދާއިރާގައި ކުދިންގެ ކިޔެވުންމަށް އިތުރު ފުރިހަމަ ކަމަކަމެއް ގެނެސްދީ ޝައުގުވެރިކުރުވުމަށް ރާއްޖޭގެ ސްކޫލްތަކުން ގުޅިގެން ކުރި މަސައްކަތްފާހަގަކޮށް ޔުނެސްކޯ އޭޝިއާ ޕެސިފިކް ޕްރޮގްރާމް އޮފް އެޑިއުކޭޝަނަލް އޮނޮވޭޝަން ފޯރ ޑިވެލޮޕްމަންޓާއި ނޭޝަނަލް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ފޯރ ޔުނެސްކޯ ގުޅިގެންދޭ އެވޯޑެއް ވަނީ ލިބިފައެވެ.

މިއެވޯޑަކީ 2010ވަނަ އަހަރުން ފެށިގެން މިދެއިދާރާ ގުޅިގެން އޭޝިއާ ޕެސިކިފް ޤަޢުމުތަގުގައި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އީޖާދީގޮތުން ފާހަގަކުރެވޭ ޚިދުމަތްކުރާ ފަރާތްތަކާއި އިދާރާތަކުގެ އަގުވަޒަންކުރުމަށް ދެމުން އަންނަ އެވޯޑެކެވެ. ހިތްވަރު ދިނުމަށް ދެވޭ މިއެވޯޑު ޙާސިލުކުރާ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ވިހި ހާސް އެމެރިކާ ޑޮލަރު ލިބޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މިފަދަ ޚާއްސަ އެވޯޑެއް ލިބުމާގުޅިގެން އެޑިއުކޭޝަން މިނިސްޓްރީންވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ މެނޭޖްމަންޓަށާއި މިޙަރަކާތް އިންތިޒާމުކޮށް ޢަމަލީގޮތުން މިކަމުގައި ބައިވެރިވި މުދައްރިސުންނާއި ކުދިންނަށް މިފަދަ ދަނޑިވަޅެއްގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް އުނގަންނައިދިނުމަށް ތަޢުލިމީ ދާއިރާއިން ކުރެއްވި މަސައްކަތަށް ބެލެނިވެރިން ދެއްވި އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ.

ކޯވިޑް-19ގެ ސަބަބުން އެތައްކަމަކަށް ބޮއްސުންލައިގެން ދިޔައިރު ތަޢުލީމީ ދާއިރާއަކީވެސް މިކަމުން އެންމެ ބޮޑު އަސަރެއް ކުރިއެއްދާއިރާއެވެ. އެހެންނަމަވެސް ކުދިންގެ ދިރިއުޅުމަށާއި ކިޔެވުމަށް އަންނަ ބަދަލު ވީހާވެސް ބޮޑަށް ކުޑަކުރުމަށް ރާއްޖޭގެ ތަޢުލީމީ ދާއިރާއިންވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަފައެވެ. މިއަދު މިވަނީ އެކަން ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ބަލައިގެންފައެވެ.