ޚަބަރު

ކޯސްޓްގާޑް ބަނދަރާއި ސަރވިސް ޑޮކްޔާޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

މިމިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ.ސުބްރަމަނިއަމް ޖައިޝަންކަރްއެވެ.

ކޯސްޓްގާޑް ބަނދަރާއި ޑޯކްޔާޑް ތަރައްޤީކުރަނީ މާލެ އަތޮޅު އުތުރު ތިލަފަޅުގައެވެ. އުތުރު ތިލަފަޅުގެ "ސިފަވަރު"ގައި ތަރައްޤީކުރާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ، 2016 ވަނަ އަހަރުގެ އެޕްރީލްމަހު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރާއެކު ސޮއިކުރެވުނު "ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން"ގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތުގެ ދަށުން އެކުލަވާލި އެއްބަސްވުމެކެވެ.

މި މަސައްކަތުގެ ދަށުން އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުއާޞަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 (އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔައްތުގައި ވާހަކަދައްކަވަމުން ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ ކޯސްޓްގާޑްގެ ޚިދުމަތް ދިނުމުގައި މިހާރު ހުރި ގިނަ ދަތިތަކަކަށް މި މަޝްރޫޢުއާއެކު ޙައްލު ލިބިގެންދާނެކަމަށެވެ. ސަލީމް ވިދާޅުވީ އެކަށީގެން ބަނދަރެއް ނެތުމުގެ ސަބަބުން، އެންމެ ބޭނުންވާ ފެންވަރުގެ ޚިދުމަތެއް ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވާކަމަށެވެ. އެގޮތުން ބޮޑެތި އުޅަނތައް ތޮއްޓާ ކައިރިކުރެވޭނެ ގޮތެއް ނެތުމާއި ކަނޑުމަތީގައި އުޅަނދުތައް ބަހައްޓަން ޖެހުމުގެ ސަބަބުން މެއިންޓަނަންސްއ މައްސަލަ ދިމާވާ މިންވަރު އަވަސްކަން ފާހަގަކުރެއްވިއެވެ.

ސަލީމް ވިދާޅުވީ ޑޮކްޔާޑެއް ނެތުމުގެ ސަބަބުން މިހާރު އެމްއެންޑީއެފްގެ އުޅަނދުތައް މަރާމާތުކުރުމާއި ރީފިޓްކުރުމަށް ގެންދަނީ އިންޑިއާގެ ޑޮކްޔާޑަށެވެ. އަދި މިކަމަށް ބޮޑެތި ހޭދަތަކެއް ކޮންމެ އަހަރަކުވެސް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖެއިން މި މެއިންޓަނަންސް މަސައްކަތް އެކަށީގެންވާ ގޮތުގައި ނުކުރެވޭތީ ބޮޑެތި ޙަރަދުތަކެއް އަދި ވަގުތުތަކެއް އެބަ ހޭދަވޭ. މިކަމުގެ ސަބަބުން ޚިދުމަތަށް ބުރޫއަރާ. އަދި އެކަނށީގެންވާ ބަނދަރެއް ނެތުމުގެ ސަބަބުން ހަދިސާއެއް ހިނގައިގެން އެ ތަނަކަށް ދާން ނަގާ ވަގުތުވެސް އެބަ އިތުރުވޭ." ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ އުޅަނދުތަކަކީ އަބަދުވެސް ޙާދިސާއަކަށް އެޓެންޑްވުމަށް ތައްޔާރަށް އޮންނަންޖެހޭ އުޅަނދުތަކެކެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ނިމުމުން އޮޕަރޭޝަންތައް އަވަސްވެ، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

2019 ވަނަ އަހަރުގެ ތެރޭގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑުން 363 އޮޕަރޭޝަން އަދި 2020 ވަނަ އަހަރު 304 އޮޕަރޭޝަން ހިންގާފައިވެއެވެ. މީގެ ތެރޭގައި މެރިޓައިމް ސަރޗް އެންޑް ރެސްކިއުއިން ފެށިގެން މެރިޓައިމް ޑިސްޓްރެސް އަދި ކަނޑުމަތީގައި ހިނގާ ޤާނޫނާ ޚިލާފުވުމުގެ އަމަލުތަކަށް ރެސްޕޮންޑްކުރުމާއި، މޫސުމީ ނުރައްކާތަކާއި އެހެނިހެން ހާދިސާތައް ހިމެނެއެވެ.