ޚަބަރު

އިންޑިއާގެ އެހީގައި އައްޑޫގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި


އިންޑިއާއިން ފޯރުކޮށްދޭ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫޢުގެ ގޮތުގައި އައްޑޫ ސިޓީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީގެ އުމްރާނީ ތަރައްޤީއަށް ހިންގާ 1.2 ބިލިއަން ރުފިޔާގެ މިމަޝްރޫޢަކީ އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ ދެވަނައަށް އެންމެ ބޮޑު މަޝްރޫޢެވެ.

އައްޑޫސިޓީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާ، ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤްއެވެ. އަދި އިންޑިޔާގެ ކޮންސްޓްރަކްޓަރ އެފްކޮން އިންފްރާސްޓްރަކްޗަރ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝްއެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ އައްޑޫގެ ތަރައްޤީއަށް ބޭނުންވާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން މަގުތައް ހެދުމާއެކު އައްޑޫއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ފެންހިންދާ ނިޒާމެއް ޤާއިމްކުރުމެވެ. މިކަމުގެ ޢަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ލިމިޓެޑް އަދި ލިއާ އެސޯސިއޭޓްސް ސައުތު އޭޝިޔާ ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރއާއެކުއެވެ. މިކަމުގެ އެއްބަސްވުމުގައި ކުންފުނިތަކާއެކު ސޮއިކޮށްފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

މިމަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިގެން ހަދާނެއެވެ. މީގެއިތުރުން، ތާރުއެޅުމަށް ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީ.އެސް.ބީ) ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ޤާއިމުކުރުން ހިމެނެއެވެ. ފޭދޫގައި ސަރުކާރު ބަޖެޓުން ފެންހިންދާ ނިޒާމު ޤާއިމްކުރުމަށްފަހު ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރުދަނީ ހިނގަމުންނެވެ.

މި މަޝްރޫޢުގެ ތެރޭގައި އައްޑޫގެ 5ރަށަކުން ބިން ހިއްކުމުގެ މަސައްކަތްވެސް ހިމެނެއެވެ. ބިން ހިއްކުމުގެ ތަފްސީލަށް ބަލާއިރު ހިތަދޫގައި 90 ހެކްޓަރު، މަރަދޫ-މަރަދޫފޭދޫ ގައި 75 ހެކްޓަރު، ހުޅުދޫ އާއި މީދޫގައި ޖުމްލަ 38 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ޕްލޭންކޮށްފައެވެ. މީގެތެރޭގައި ޓޫރިޒަމަށް އައްޑޫ ސިޓީ ހުޅުވާލުމަށް ބޭނުންވާ ބިންހިއްކުމުގެ ޕްލޭންގެ ދަށުން އެކި ސަރަޙައްދުތަކުން 25 ހެކްޓަރުގެ ބިން މިކަމަށް ޚާއްސަކުރެވިގެން ހިއްކުމަށް ކަނޑައަޅާފައިވެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މި ޕްރޮޖެކްޓާއެކު ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތު ތަންފީޒުކުރުމަށް ބޮޑު އެހީއެއް ލިބިގެން ދާނެކަމަށެވެ.

"800މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ފުރަތަމަ ޕްރޮޖެކްޓްގެ އެއްބަސްވުން މި ޤާއިމުކުރެވުނީ. އަތޮޅުތަކަށް މިހާ ބޮޑު ޕްރޮޖެކްޓެއް ކަނޑައެޅުމަކީ ރައީސް ޞާލިޙުގެ ޖަޒީރާ ރާއްޖެ ވިޝަންއަށް ލިބުނު ބޮޑު ކުރިއެރުމެއް. އައްޑޫ ވެގެންދާނީ އިޤްތިސާދީގޮތުން ބޮޑު ހަބަކަށް." ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މި ލައިން އޮފް ކްރެޑިޓްގެ ދަށުން އިތުރު މުހިންމު މަޝްރޫޢުތައް އަންނާނެކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިންޑިއާގެ ފޮރިން އެފެއަރސް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރްގެ އިތުރުން ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއާ، ފިނޭނެސް މިނިސްޓަރ އިބްރާޙިމް އަމީރުއާ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.