ޚަބަރު

މާލެ ސަރަޙައްދުގައި 2000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް އިންޑިއާގެ ލޯނުއެހީ


އިންޑިއާގެ ލޯނު އެހީގައި ހުޅުމަލޭގައި ކުރިއަށްގެންދާ 2000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ލޯނު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމާ ގުޅޭ ލިޔެކިޔުންތައް އިންޑިއާއާއި ރާއްޖެއާ ދެމެދު ބަދަލުކޮށްފައިވަނީ، އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

ރާއްޖޭގައި 5 މަޝްރޫޢުއެއް ކުރިއަށްގެންދިއުމަށް އިންޑިއާއިން އެހީވުމުގެ އެއްބަސްވުމުގެ ލިޔެކިޔުންތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް)ބޭންކާ ދެމެދު ލިޔެކިޔުންވަނީ ބަދަލުކޮށްފައެވެ.

ރަމްޒީގޮތުން މި އެހީއާ ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވެވަޑައިގަތީ ފަހިދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރ ސަލްފިއްޔާ އަންވަރެވެ. އަދި އިންޑިއާގެ ފަރާތުން ލިޔުން ޙަވާލުކޮށްދެއްވީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ޖެނެރަލް މެނޭޖަރ ޝިލްޕާ ވަގބާރީއެވެ.

އިންޑިއާގެ އެހީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާއިން ދެމުންދާ އެހީތެރިކަން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވޭނެ މުހިންމު ދާއިރާތަކުން ދެމުންދާކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދާއިރާއިން މުހިންމު މަޝްރޫޢުތަކުއް ހިންގުމަށް
ޕްލޭންކޮށްފައިވާއިރު، މި އެހީއާއެކުވެސް މުހިންމު ޕްރޮޖެކްޓްކަށް އެހީތެރިކަން ލިބިގެންގޮސްފައިވާކަމަށެވެ.

"މިއަދު އެކްޒިމް ބޭންކާ ފަހިދިރިއުޅުން ކޯޕަރޭޝަނާއެކު ވެވުނު އެއްވަސްވުމުގެދަށުން، 2000ހައުސިންގ ޔުނިޓް އެޅޭނެ. އަދި މިފަދަ އިތުރު ދާއިރާތަކުން އެހީ ހޯދުމަށްދަނީ މަޝްވަރާކުރަމުންނެވެ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި މަޝްރޫޢުއަކީ ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެފޯޑަބަލް ރޭންޖްގެ ހައުސިންގ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް މިމަހުގެ 2ވަނަ ދުވަހު އެޗްޑީސީން ހަވާލުކޮށްފައިވަނީ އިންޑިއާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީއާއެވެ.

މި މަޝްރޫޢުގެދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 2ކޮޓަރިއާއި 3ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެވެ. އެއީ 3ކޮޓަރިއާ 3 ފާޚާނާ ހިމެނޭ 1400ހައުސިންގ ޔުނިޓާއި 2ކޮޓަރިއާ 2 ފާޚާނާ ހިމެނޭ 600 ހައުސިންގ ޔުނިޓެވެ.

މާލެ ސަރަޙައްދުގައި މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން 1000 ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި އަލަށް ފެށުމަށް ހަމަޖެހިފައިވާ 2000ހައުސިންގ ޔުނިޓްގެ މަސައްކަތް މެއިމަހު ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.