ޚަބަރު

އިންޑިއާގެ އެހީގައި ހުޅުމަލޭގައި ކުރިއަށްގެންދިޔަ ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކޮށްފި


އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ ހުޅުމާލޭ ޓަރމިނަލް ޖެޓީ މަރާމާތުކުރުމުގެ މަސައްކަތުގެ ނިމުމާއި ހުޅުމާލޭ ސެންޓްރަލް ޕާކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދެބައެއްގެ ނިމުން ފާހަގަކޮށްފިއެވެ.

މި މަސައްކަތްތުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔަތުގައި، މަސައްކަތް ނިންމުން ފާހަގަކޮށް ޢާއްމުންނަށް ހުޅުވައިދެއްވީ އިންޑިއާގެ ފޮރިން އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމާނިއަމް ޖައިޝަންކަރެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ތަރައްޤީކުރުމުގެ މަސައްކަތަށް އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި އަށް މިލިޔަން ނުވަސަތޭކަ ނުވަދިހަ ތިން ހާސް ހަސަތޭކަ ސާދަ ރުފިޔާ ވަނީ ދީފައެވެ. ޕާކު ތަރައްޤީކުރުމުގައި މަސައްކަތުގެ ތެރޭގައި ހިނގާ ޕާތުވޭތައް ހެދުމާއި، ލައިޓިންގެ ބައެއް މަސައްކަތް އަދި އިށީންނާނެ ތަންތަން ހެދުން ހިމެނެއެވެ. މީގެ އިތުރުން ބައިސްކަލް ދުއްވާނެ ލޭނެއްވެސް ޕާކް ތެރެގައި ތަރައްޤީކުރުން ހިމެނެއެވެ. އެޗްޑީސީން ވިދާޅުވީ ސެންޓްރަލް ޕާކުގެ މަސައްކަތުގެ ތެރެއިން އިންޓަރެކްޓިވް އެންޑް ރެކްރިއޭޝަނަލް ޒޯންގެ މަސައްކަތާ ފެންއަރުވާ ވަޑާމުގެ މަސައްކަތް މުޅިން ނިމިފައިވާކަމަށެވެ.

ހުޅުމާލޭ އިރުމަތީފަރާތުގެ ޖެޓީ މަރާމާތުކުރުމަށް އިންޑިއާ ސަރުކާރުންވަނީ ނުވަލައްކަ ނުވަދިހަ ފަސްހާސް ތިންސަތޭލަ އަށްޑިހަ ފަސް ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ހުޅުމާލޭގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފް ވިދާޅުވީ ސެންޓްރަލް ޕާކާ ޖެޓީ ސަރަޙައްދަކީ އެތަށް ބަޔަކު ކޮންމެ ދުވަހަކު ބޭނުންކުރަމުންދާ ސަރަޙައްދެއްކަމަށެވެ. އަދި އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަމުންދަނީ، މި މާޙައުލުތަކަކީ ޢާއްމުންނަށް ބޭނުންކުރަން ފަސޭހަ ޖާގައިގެ ގޮތުން ތަނަވަން ތަންތަނަށް ހަދައިދިނުމަށްކަމަށެވެ.

"ހަމައެކަނި ހުޅުމާލޭގެ ރައްޔިތުންނެއް ނޫން. މުޅި ގްރޭޓަރ މާލެ ސަރަޙައްދުގެ ރައްޔިތުންނާ އަދި އެތަށް ބަޔަކު ކޮންމެ ދުވަހަކުވެސް ހުޅުމާލެއަށް ޒިޔާރަތްކުރޭ. ބޭނުންވަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންކުރެވޭ މާޙައުލެއްގެ ގޮތުގައި ހުޅުމާލެ އަބަދުވެސް ތަރައްޤީކުރުން. މިފަދަ ގިނަ ތަންތަން އަދިވެސް ތަރައްޤީކުރާނަން." އަޙުމަދު އާޠިފް ވިދާޅުވިއެވެ.

މިމަޝްރޫޢުތަކަށް ފައިސާ ހަމަޖައްސާފައި ވަނީ 2019ވަނަ އަހަރު މާޗް މަހު، ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ.