ޚަބަރު

ފުވައްމުލަކުގައި ޖަމާޢަތުގައި ނަމާދު ކުރުން އިތުރު އެއް ހަފްތާއަށް މެދުކަނޑާލައިފި


ފުވައްމުލަކުގައި ކޯވިޑްގެ ހާލަތާއި ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތް އޮތުން މިމަހުގެ 26 އަށް އިތުރު ކޮށްފިއެވެ.

ފުވައްމުލަކު ސިޓީގައި ކޯވިޑްގެ ހާލަތާ ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑާލިކަން އަންގާ އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ސަރކިއުލާގައި ވަނީ 20 ފެބުރުއަރީގެ ފަތިސް ނަމާދުން ފެށިގެން 26 ފެބްރުއަރީގެ އިޝާ ނަމާދާ ހަމައަށް ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑާލުމަށް އަންގާފައެވެ. މިއީ އެސިޓީގައި ކޯވިޑް ހާލަތާއި ގުޅިގެން ޖަމާޢަތުގައި ނަމާދު ކުރުން މެދު ކަނޑާލުމަށް ނިންމި ނިންމުން ދެމެހެއްޓި ދެވަނަ ފަހަރެވެ.

މީގެ ކުރިން ފެބްރުއަރީ މަހުގެ 11 އިން 15 އަށް އެސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމިއެވެ. އޭގެ ފަހުންވެސް ކޭސްތައް ފެންނަމުން ދިއުމާއި އެކު 15 އިން 19 އަށް މިމުއްދަތު އިތުރު ކޮށްފައިވެއެވެ. އަދި މިހާރު މިވަނީ އިތުރު 7 ދުވަހަށް މުއްދަތު އިތުރުކޮށް ދަމަހައްޓާފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިޙާލަތުގައިވެސް މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވާފައެވެ.

މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރިނަމަވެސް ފަރުޟު 5 ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުޢާކޮށް، އިސްތިޣުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަޞޭޙަތްތެރިވެފައެވެ.

ފުވައްމުލަކުގައި މިވަގުތު ޕޮޒިޓިވް ކޭސްގެ ގޮތުގައި 33 ކޭސް ފެނިފައިވެއެވެ. އަދި މީގެ ތެރެއިން 5 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، މިހާތަނަށް މިކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 821 މީހަކު ވަނީ ފާހަގަ ކުރެވިފައެވެ.