ޚަބަރު

އެއް ކޮޓަރީގެ ފްލެޓްތައް ވިއްކި ކަމަށް ދެކެވޭ ވާހަކަ އެމްޕީއެލްއިން ދޮގުކޮށްފި


ހިޔާ މަޝްރޫއުގެ ދަށުން އެޅި އެއް ކޮޓަރީގެ ފްލެޓްތައް އެމްޕީއެލްއިން ވިޔަފާރި އުސޫލުން ވިއްކި ކަމަށް ދެކެވޭ ވާހަކަ އެކުންފުނިން ދޮގުކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން މިކަން ދޮގުކޮށްފައިވަނީ ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން އަޅާ އެއްކޮޓަރީގެ ފުލެޓުތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން އަޅާ އެއްކޮޓަރީގެ 204 ފުލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާކަމަށް ބުނެ ބައެއް ނޫސްތަކުގައި ޚަބަރުފަތުރާފައިވަނިކޮށެވެ.

މިކަމާ ގުޅިގެން އެމްޕީއެލްއިން ނެރުނު ނޫސްބަޔާނެއްގައިވަނީ ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލްއިން ޢިމާރާތްކުރަމުންދާ އެއް ކޮޓަރީގެ 204 ފްލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާ ކަމަށް، އެމްޕީއެލްގެ މުވައްޒަފަކާ ހަވާލާދީ ނޫހެއްގައި ލިޔެފައިވާ ރިޕޯޓަކީ ހަޤީޤަތް އޮޅޭގޮތަށް ލިޔެފައިވާ ޚަބަރެއް ކަމަށެވެ.

އަދި މިއީ ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ކަމުގެ ހަގީގަތް ނުހޯދާ ލިޔެފައިވާ ޚަބަރަކަށްވާތީ އެކަން އެމްޕީއެލުންވަނީ ކުށްވެރިކޮށްފައެވެ. އަދި މިފަދަ ޚަބަރުތައް ޒިންމާދާރުކަމާއެކު އާއްމުންނާއި ހިސާބަށް ފޯރުކޮށްދިނުމަށްވެސް އެމްޕީއެލްއިންވަނީ އިލްތިމާސްކުރައްވާފައެވެ.

އެމްޕީއެލްއިން ވިދާޅުވީ ހަޤީޤަތާ ޚިލާފު މަޢުލޫމާތުތަކެއް އެކުންފުންޏާ ގުޅުވައިގެން ފެތުރި މައްސަލައިގައި އެނޫހުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެ ކުންފުނީގެ ފަރާތުން މީޑިއާ ކައުންސިލަށް މައްސަލަ ހުށައަޅާނެ ކަމަށެވެ.

އެމްޕީއެލްއިން ވިދާޅުވީ، އެކުންފުނިން ޢިމާރާތް ކުރަމުންދާ ފުލެޓް ތަކަކީ އެ ކުންފުނީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ޢިމާރާތް ކުރަމުންދާ ފުލެޓްތަކެއް ކަމަށެވެ. މި ފުލެޓްތައް ގަތުމުގެ ފުރުސަތު ދެވޭނީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުޞޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ މުވައްޒަފުންގެ ތަރުތީބުންކަމަށް އެމްޕީއެލުން ހާމަކުރެއެވެ.