ޚަބަރު

ޑިޖިޓަލް ކަނެކްޓިވިޓީ ވިޝަން : މާލެ ސަރަޙައްދު ގުޅާލުމުގެ މަސައްކަތް ފަށައިފި


ޑިޖިޓަލް ކަނެކްޓިވިޓީ ވިޝަންގެ ދަށުން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

މިޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މާލެ ހުޅުލެ އަދި ހުޅުމާލެ، މި ނެޓްވޯކްގެ ދަށުން ގުޅާލުމަށެވެ. މިއީ ކަނޑު ހުރަސްކޮށް ރައްތަކެއް ނެޓްވޯކުން ގުޅުވާލުމަށް ސަރުކާރުން ޤާއިމްކުރާ މިފަދަ އެންމެ ބޮޑު ނެޓްވޯކެވެ. މިފަހަރު މި ޕްރޮޖެކްޓްގައި 8 ކިލޯމީޓަރުގެ ސަރަހައްދެއް ގުޅުވާލުމަށްޓަކައި، ފައިބަރ ކޭބަލް ނެޓްވޯކެއް އެން.ސީ.އައި.ޓީން ހުޅުލެ އަދި ހުޅުމާލެއަށް އެޅުމަށް ހަމަޖެހިފައިވެއެވެ. މިއީ 96ކޯގެ، ފުލް ރިޑަންޑަންސީ ހިމެނޭގޮތަށް އަޅާ ފައިބަރރިންގ ނެޓްވޯކްއެކެވެ.

މި ޕްރޮޖެކްޓާގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވީ މުސްތަޤުބަލުގައި ސަރުކާރުގެ އިދާރާތަކުގެ އިތުރުން ދަޢުލަތުގެ ކުންފުނިތަކާއި އާއްމު ވިޔަފާރިތަކަށްވެސް ނެޓްވޯކް ބޭނުންކުރަން ހުޅުވާލާނެކަމަށެވެ. މި ނެޓްވޯކާއެކު ސަރުކާރުން މުވާސަލާތައްކުރާ ރިކަރަންޓް ޚަރަދު އެތައް ގުނައަކަށް ކުޑަކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިމަގުގެ ވިސްނުމަކީ ސަރުކާރުން އަލަށް ތަރައްޤީކުރާ ބްރިޖާއެކު މި ނެޓްވަރކް މުޅި ގްރޭޓަރ މާލެ ސަރަޙައްދަށް ފުޅާކުރުން. އެގޮތުން ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށިވެސް ނެޓްވޯކުން ގުޅާލުން. އަމިއްލަ ކުންފުނިތަކަށް ނެޓްވޯކް ބޭނުންކުރުމަށް ހުޅުވާލުމުން ސަރުކާރަށް މިކަމުން އާމްދަނީވެސް ލިބެން ފަށާނެ." މަލީހު ޖަމާލު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މި ޕްރޮޖެކްޓްގެ މަސައްކަތްތައް ތަންފީޒުކުރުމުގައި ކަމާ ގުޅުންހުރި އިދާރާތަކުން ދެއްވި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ބްރިޖް އަދި މަގުހެދުންފަދަ ޤައުމީ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން ކަރަންޓާއި ފެނާއި ނަރުދަމާ އަދި ފެންހިންދާ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، މުވާސަލާތީ ނެޓްވޯކްތަކަށް ބޭނުންވާ ޑަކްޓް ސިސްޓަމާއި ކޭބަލް މެނޭޖްމަންޓް ސިސްޓަމްތައް ޤާއިމްކުރުމަކީ ފަހުން މުއާސަލާތީ ޚިދުމަތް ފުޅާކުރުމުގައި ޚަރަދުކުޑަ އަދި ކޮށްފައިވާ އުމްރާނީ މަސައްކަތަކަށް ގެއްލުންކުޑަވާނެ ކަމެއްކަމުގައި މިނިސްޓްރީން ވިދާޅުވެއެވެ.