ވިޔަފާރި

މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން 2 ފަރާތަކުން ޝައުގުވެރިކަން


ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. ޓްއަރިޒަމް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއުގެ ބީލަމާއި ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މި ފަރާތަކުން ބައިވެރިވެފައިވާކަމަށެވެ.

ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޓޫރިޒަމުން ހުޅުވާލީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވީ އިއްޔެއެވެ. ބައްދަލުވުމުގައި ބައިވެރިވުމަށް 4 ފަރާތަކުން ރަޖިސްޓްރީކުރި ނަމަވެސް ނަމަވެސް ބައްދަލުވުމުގައި ބައިވެރިވީ 2 ފަރާތުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ނ. މަނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 132,000 (އެއްލައްކަ ތިރީސް ދެހާސް) އަކަފޫޓުގެ ބިމެކެވެ. ބީލަން ފޮތް ބަލައިގަނެވޭނީ 10 މާރޗް ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ބީލަން ބަލައިގަތުން ހަމަޖެހިފައިވަނީ 14 މާރިޗުގައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ހއ. ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރަން 14 ބިމެއް ދޫކުރުމަށް ކެލާ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީ އާއި ދެމެދު މިމަހުގެ 15 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގައި ކައުންސިލްގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭކަމެއްކަމަށެވެ. އަދި ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ކެލާގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި، ގދ. ވާދޫ ކައުންސިލާއި، ހއ. ހޯރަފުށީ ކައުންސިލާއި ގުޅިގެން ފަތުރުވެރިކަމަށް ބިން ދޫކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ދަނީ ކުރަމުންނެވެ.