ކުޅިވަރު

ފިރިހެން އަދި އަންހެން ޓީމް އިވެންޓްވެސް ޓީރެކްސްއަށް


55ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން އަދި ފިރިހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފިއެވެ. މި މުބާރާތުގެ އަންހެން ޓީމް އިވެންޓްގެ ފައިނަލްގައި ޔުނައިޓެޑް ވިކްޓްރީއާއި ވާދަކޮށް، ޓީރެކްސް މެޗް ކާމިޔާބުކުރީ ތިން މެޗް އެއް މެޗުންނެވެ. މި މުބާރާތުގެ ފިރިހެން ޓީމް އިވެންޓް ޗެމްޕިއަންކަން ޓީރެކްސް ހޯދީ ޓައިމްސްއާއި ވާދަކޮށެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް މެޗް ޓީރެކްސް ކާމިޔާބުކުރީ ތިން މެޗް ދެ މެޗުންނެވެ.ފައިނަލް މެޗަށް ފަހު މި މުބާރާތުގެ އެކި އެކި ވަނަވަނައަށް އައި ކުޅުންތެރިންނާއި އޮފިޝަލުންނަށްވަނީ ހަނދާނީ ލިޔުމާއި، މެޑަލް އަދި ޓްރޮފީ ހަވާލްކޮށްފައެވެ. މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ މޫސާ މުންސިފެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މުއީނާ މުހައްމަދެވެ. މުބާރާތުގެ ނުވަ އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ދިޔާމް ސިފާހު ސައީދުއެވެ. މިއުމުރުފުރާގެ ފިރިގެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަހުމަދު ރައްޔާންއެވެ. ފަނަރަ އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް ހޯދިއިރު، މި އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު ޝައްފާން އިސްމާއިލްއެވެ. ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުއީނާ މުހައްމަދާއި އިބްރާހިމް ޝިއުރީގެ ޕެއަރއ އެވެ. މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުއީނާ މުހައްމަދާއި އައިޝަތު ރަފާ ނާޒިމްގެ ޕެއަރ އެވެ. މެންސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ މޫސާ މުންސިފް އާއި އިބްރާހިމް ޝިއުރީގެ ޕެއަރއެވެ.