ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުގެ އަމަލުތަކެއް ހިންގަން އުޅުނު ތުހުމަތުހައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ބޮމެއް ހަދާ ތިމަރަފުށީގައި މިިދޔ އަހަރު ފަހުކޮޅު ދޭން އުޅުނު ހަމަލާއަކާއި ގުޅިގެން 8 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި ދައުލަތުން ދައުވާކުރާ 8 މީހުންނަކީ ތ ތިމަރަފުށީ ފެހިވިދުވަރުގެ އުމުރުން 34 އަހަރުގެ އަބްދުﷲ ޝަރީފާއި ހަމަ އެރަށު އަސްރަފީވިލާ އުމުރުން 32 އަހަރުގެ އަޙްސަން މުހައްމަދުާއި އެރަށު ކެނެރީގެ އުމުރުން 28 އަހަރުގެ އަލީ މުނީޒާއި ތިމަރަފުށީ އަސުރުމާގެ އުމުރުން 34 އަހަރުގެ މުހައްމަދު އާޞިރާއި އެރަށު ސައިމާގެ އުމުރުން 20 އަހަރުގެ ސަމާހު ޝަރީފުގެ އިތުރުން ރ. ކަނދޮޅުދޫ ފެހިވިލާ އުމުރުން 18 އަހަރުގެ އަލީ އަރުހަމް މުހައްމަދާއި ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠާއި ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދުގެ މައްޗަށެވެ.
މި މީހުންގެ މައްޗަށް ދައުވާ ކުރާ ސަބަބުތަކުގެ ތެރޭގައި ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން ބޭނުންކުރާ "ނަސާޙް 3" ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކުރުމަށްފަހު ތިމަރަފުށީ ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދަނިކޮށް އެ މަރުކަޒުގައި އޭތި ގޮއްވާލައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިއުމާއި، ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީންތައް ހަދަމުންދިއުމާއި، ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރުލިބޭފަދަ ކްލާސްތައް ހިންގުންވެސް ހިމެނެއެވެ.
މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލާ ގާޒީ ވިދަޅުވީ މި މީހުންނާއި ދެކޮޅަށް މިހާތަނަށް ހުށައަޅާފައިވާ ހެއްކިތަކަށް ބެލުމުން މި މީހުން ދުކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކެލެއް ކުރިމަތިވެދާނެކަމަށް ޤަބޫލުކުރުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
މި މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަދުވަހު އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ މި މައްސަލާގައި ހިމެނޭ މީހުންގެ ތެރެއިން ތ ތިމަރަފުށީ ފެހިވިދުވަރުގެ އުމުރުން 34 އަހަރުގެ އަބްދުﷲ ޝަރީފަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިސިސް ޖަމާއަތުން އަމމީރެއްގެ ގޮތުގައި ކަނޑައަޅާ އެކަމުގެ ލިޔުން ދީފައިވާ މީހެއްކަމަށެެވެ. އަދި މިމައްސަލާގައި ތުހުމަތުކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެމީހުންގެ މައްސަލަތައް އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މީ މީގެކުރިން ދުވަހަކުވެސް ކުށެއްކޮށްފައި ނުވާބަޔަކަށް ވީނަމަވެސް މި މީހުން ކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ ކަމަކީ މުޖްތަމައަށް ބޮޑު ގެއްލުމެއް ލިބޭނެކަމަކަށްވާތީ ކުށެއް ނުކުރާނެކަމެެއްކަމަށް ބަލާނެ ޖާގައެއް ނެތްކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.