ޚަބަރު

އަތޮޅުތަކުގެ 25 ރަށަކުން ބިން ވިއްކައިގެން ކައުންސިލްތަކަށް ނަފާ ހޯދަން މަޝްވަރާކުރަނީ


ބިން ބޮޑު އާބާދީ ކުދި ރަށްތަކުގެ ހުސްބިމުގެ ތެއްތިރީސް އިންސައްތަ ވިއްކައިގެން ނުވަތަ ދިގު މުއްދަތަށް ކުއްޔަށްދީގެން ކައުންސިލްތަކަށް މަންފާ ހޯދޭނި ގޮތުގެ ޕްލޭނެއްހަދާ، އެކަމުގެ މަޝްވަރާއަށް މަޖިލީހަށް ހުށައަޅާފައިވާކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަލްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ޙާއްލުހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކުރުމަށް މިނިސްޓަރ އަސްލަމްވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައެވެ.
މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖެއަށް މުހިންމީ ދެކޮޅުޖޭ، އަދި ސަރުކާރަށްވެސް އާއްމުންނަށްވެސް މާލީގޮތުން ބުރައަކަށް ނުވާނެ ބޯހިޔާވަހިކަމުގެ ޙައްލެއް ހޯދުންކަމަށެވެ.

އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ކައުންސިލްތަކަށް ކުރެވޭނެ މުހިންމު ކަންކަން ހުރިކަމަށާ، މިފަދަ ކަންކަމަށް ކުރިމަގިގައި ބާރުއެޅިއްޖެނަމަ އާއްމު ރައްޔިތުންނަށް އޭގެ މަންފާ ކުރާ މިންވަރު ބޮޑުވާނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަކީ ބިމުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ހިފިއްޖެނަމަ އޭގެން ރަނގަޅު މަންފާއެއް ރަށަށް ކުރާނެ ކަންކަންކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ ބިން ބޮޑު އާބާދީ ކުދި ރަށްރަށުގެ ބިން ވިއްކައިގެން ނުވަތަ ދިގު މުއްދަތަށް ކުއްޔަށް ދީގެން އޭގެން ބޮޑު މަންފާއެއް ކައުންސިލްތަކަށް ހޯދުންކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. މިކަމާގުޅޭ ދިރާސާތަށްކޮށް، މި މަސައްކަތް ކުރެވޭނެ 25ރަށެއް ފާހަގަކޮށްފައިވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. މި 25ރަށަކީ އާބާދީ ކުޑަ ނަމަވެސް ބިމުގެ ޖާގަބޮޑު ރަށްތަކެވެ.

އަދި ދިގުމުންދަތަކަށް އިންވެސްޓް ކުރެވިއްޖެނަމަ، ކައުންސިލްތަކަށް އިތުރު އާމްދަނީ ލިބި ރަށަށް ބޭނުންވާ އެހެން މަސައްކަތް ކުރުމަށް މަގު ފަހިވެގެންދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަތޮޅުތަކުގެ އާބާދީ ކުދި 25ރަށެއްގެ ބިން، ވިޔަފާރި އުސޫލުން ވިއްކައިގެން ކައުންސިލަށް މަންފާ ހޯދޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލާ މަޖިލީހުގެ ކޮމިޓީގެ މަޝްވަރާއަށް ހުށައަޅާފައިވާކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

"ބިން ބޮޑު ނޫނީ ބިން ހިއްކާފައިވާ ރަށްތައް އެބަހުރި. ވިސްނުމަކީ މިފަދަ ހުސް ބިންތަކުގެ %33 ވިޔަފާރިތަކަށް ވިއްކުން ނޫނީ ކުއްޔަށް ދިނުން. ރާއްޖޭގައި މިހާރު ބިމުގެ ކުލީގެ އެންމެ ކުޑަރޭޓަކީ 200ރުފިޔާއަށް އަކަފޫޓެއް. މި ރޭޓުން ބެލިއަށް މި 25ރަށުން އަހަރަކަށް 1.3ބިލިއަން ރުފިޔާ ލިބޭނެ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމާ ގުޅޭ މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް މިހާރު ހުށައަޅާފައިވާކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލް، އަދި ކަނޑައަޅާފައިވާ 25ރަށާ ގުޅޭ ތަފްސީލްވެސް މިނިސްޓަރ އަސްލަމް ޙިއްސާކުރައްވާފައެއް ނުވެއެވެ. މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ކުރުމުގައި އެއްވެސް ޤާނޫނީ ހުރަހެއް ނެތްކަމަށްވެސް ވިދާޅުވެފައެވެ.

އަސްލަމް މީގެކުރިންވެސްވަނީ ސަރުކާރުގެ ބަޖެޓުން ރަށްރަށުން ހިއްކާ ބިމުގެ ވަކި އިންސައްތައަކަށް، ހުރިހާ ރަށެއްގެ ރައްޔިތުންނަށް ކުރިމަތިލެވޭގޮތަށް ހުޅުވާލުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ.