ތިމާވެށި

5 ރަށެއްގެ ނަރުދަމާ ނިޒާމް ޑިޒައިން ކުރުމަށް ބަޔަކާ ހަވާލުކޮށްފި


5 ރަށެއްގެ ނަރުދަމާ ނިޒާމު ޑިޒައިންކޮށް ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ބެލެހެއްޓުމަށް 15 މިލިއަން ރުފިޔާއަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.ނަރުދަމާ ނިޒާމްގެ ޑިޒައިންގެ މަސައްކަތް ހަވާލުކޮށްފައި ވާނީ ކ. ހިންމަފުޓާއި ތ. ވޭމަންޑުއާއި ކ. ތުލުސްދުއާއި ހދ. ނޮޅިވަރަންފަރުގެ އިތުރުން ޅ. ނައިފަރުގެއެވެ. މި މަސައްކަތް ހަވާލުކުރުމަށް މިއަދު ތިމާވެއްޓާބެހޭ ވުޒާރައިގައި ބޭއްވި ރަސްމިއްޔާތުގައި އެ ވުޒާރައިގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ތާރިޤް އިބްރާހީމެވެ. އަދި ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖީންގ ޑިރެކްޓަރ އިސްމާޢީލް ހަމީޒެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރުމާއިއެކު، 5 ރަށުގެ ނަރުދަމާނިޒާމް ޑިޒައިން ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ، ރައްޔިތުންނަށް އަސާސީ ހިދުމަތްތަށް ފޯރުކޮށްދިނުމުގައި ސަރުކާރުން ގެންދަވަނީ ހަލުވި ކުރިއެރުންތަކެއް ހޯދަމުން ކަމަށެވެ. އަދި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ނަރުދަމާގެމަސައްކަތް ނިމިފައި ވަނީ އެންމެ ފަސްރަށުގައި ކަމަށް ތޯރިޤް ވިދާޅުވިއެވެ. މިނިސްޓަރ ތޯރިޤް ވިދާޅުވީ ސަރުކާރުގެ ދެއަހަރު ތެރޭ 10 ރަށެއްގައި ނަރުދަމާގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށާއި، ޖުމްލަ 49 ރަށެއްގެ ނަރުދަމާ ނިޒާމް ޑިޒައިންކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވާކަމަށެވެ.މިއަދު މަސައްކަތް ހަވާލުކުރި 5 ރަށުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް 231 މިލިއަން ރުފިޔާގެ ލޯނެއް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ވަނީ ހަމަޖެހިފައެވެ.