ޓުއަރިޒަމް

ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ޓޫރިސްޓް ރިސޯޓްތަކާއި، ސަފާރީ އުޅަނދުތަކާއި، ހޮޓާ ގެސްޓްހައުސްތަކަށް ޓޫރިޒަމް މިނިސްޓްރީން ފޮނުވި ސަރކިއުލަރގައި ވަކިން ޚާއްސަކޮށް ސްނޯކަލް ކުރުމާއި، ފެނާއި އަދި އެހެނިހެން މޫދު ކުޅިވަރުތަކުގެ ތެރޭގައި ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ގޮވާލާފައެވެ. އަދި އެތަންތަނުގައި ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޕްލޭންތައް ތަންފީޒުކުރަން ޖެހޭ ޙާލަތްތަކުގައި ފުރިހަމައަށް ތަންފީޒުކުރުމުގެ އިންތިޒާމްތައް ހުރިތޯ ބަލާ ކަށަވަރު ކުރުމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖެއަކީ ސަލާމަތާއި ރައްކާތެރިކަން ބޮޑު ޤައުމެއްގެ ގޮތުގައި ދުނިޔެއަށް މަޝްޙޫރުވެފައިވާ މިދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ މުވައްޒަފުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަކީ މުހިއްމުކަމެއްކަމަށެވެ. ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތް މުޅިންހެން ހުއްޓިފައި އޮތުމަށްފަހު، އެ ސިނާޢަތް އަލުން ކޮޅަށްޖެހުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއްގެގޮތުގައި އިޝްތީޙާރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކޯވިޑް-19ގެ ވެކްސިން ދިނުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަތްކަމަށްވާއިރު، ސްނޯކްލިންގއަށް ދިއުމާއި ޑައިވިންގއަށް ދިއުންފަދަ ކަންކަމުގެ ތެރެއިން މީހުން ގެއްލުމާއި، ގެނބުންފަދަ ޚާދިސާތައް ފަހަކަށް އައިސް ރާއްޖޭގައި ހިނގާ ނިސްބަތްވަނީ އިތުރުވެފައެވެ. އެގޮތުން ރ. އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ސްނޯކްލިންގއަށް ދިޔަ އަންހެން ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އެމް.އެން.ޑީ.އެފުން މިހާރުވެސް ދަނީ ކުރަމުންނެވެ. މިހާތަނަށް ކުރި މަސައްކަތުން އެ ފަތުރުވެރިޔާ އަދި ފެނިފައެއްނުވެއެވެ.