ޚަބަރު

ސީއެސްސީ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ޑިސެމްބަރުގައި


ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް
އެދޭ ފަރާތްތަކަށްދެވޭ އިމްތިހާންގެ ފުރަތަމަ ބުރު މި އަހަރުގެ ޑިސެމްބަރމަހު
ދޭއްގައި ބޭއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.



މި އިމްތިހާން ރާއްޖޭގެ ހުރިހާ
ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވިޔަސް ޑިސެމްބަރ މަހު އިމްތިހާން
ބޭއްވުމަށް ހަމަޖެހިފައިވަނީ މޭލެ، ފުވައްމުލަށް އަދި އައްޑޫ ސިޓީގައެވެ. ސިވިލް
ސަރވިސް ކޮމިޝަނުން ވަނީ އިމްތިހާންގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރ މަހުގެ
ސަތާރަވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ. އަދި އެކޮމިޝަނުން ވަނީ އިމްތިހާން
ހެދުމަށް ތައްޔާރުވުމަށް އިމްތިހާންގެ މުގައްރަރާއި ނަމޫނާ ކަރުދާހެއްވެސް ތައްޔާރުކޮށްފައެވެ.




އިމްތިހާން ކަރުދާހުގައި
ހިމެނޭ ބައިތަކުގެ ތެރޭގައި އިދާރީ
މަސައްކަތަށް ބޭނުންވާ މައުލޫމާތާއި މުއާމަލާތު ކުރުމުގެ ހުނަރުގެ އިތުރަށް ސިިވިލް
ސަރވިސްގެ ގަވައިދުތަކާއި އުސޫލުތަކާއި ދިވެހި ބަހާއި ލިޔުންތެރިކަމުގެ ހުނަރުއެވެ. 



ސިވިލް ސަރވިސް ކޮމިޝަނުން ބުނީ އިމްތިހާނަށް
ފަހު ދޭ ސެޓްފިކެޓް ތިން އަހަރު ދުވަހު ބޭނުން ކުރެވޭނެ ކަމަށާއި ސެޓްފިކެޓް
ލިބުމަށް ފަހު ވަޒީފާއަކާ ނުގުޅި ނުވަތަ ވަޒީފާއިން ވަކިވެފައި ވާތާ ތިން އަހަރު
ވެއްޖެ ނަމަ އަލުން އިމްތިހާނު ހަދަން ޖެހޭނެކަމަށެވެ. އަދި ވަޒީފާގައި ތިބި މީހުން
މި އިމްތިހާނު ހަދާކަށް ނުޖެހޭނެ ކަމަށާއި އެހެންނަމަވެސް އެ މީހުން ވެސް އެހެން
ވަޒީފާއަކަށް ބަދަލުވާ ނަމަ އިމްތިހާނު ހަދަން ޖެހޭނެ ކަމަށެވެ.



އިމްތިހާނުގައި ބައިވެރިވުމަށް
150ރ.ގެ ފީއެއް ދައްކަން ޖެހެއެވެ. އަދި އިމްތިހާނުން ފާސްވާނީ 75 ޕަރސެންޓަށް ވުރެ
މަތިން މަރކްސް ލިބުމުންނެވެ. ސީއެސްސީން ބުނީ އިމްތިހާން ކަރުދާސް މަރކްކުރާނީ
މިކަމަށް ހާއްސަކޮށްގެން އެކޮމިޝަނުން އެކުލަވާލާ ޓީމަކުންކަމަށެވެ.