ޚަބަރު

ޤާނޫނީ މައްސަލަތައް ޙައްލުވެއްޖެނަމަ އޭޕްރީލް 10ގައި އިންތިޚާބް ބާއްވާނަން - އީސީ


ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ފޯރުކޮށްދެއްވަންޖެހޭ ވަސީލަތްތަކާއި ޤާނޫނީ ގޮތުންހުރި މައްސަލަތައް ޙައްލުކޮށްދެވިއްޖެނަމަ އިންތިޚާބު އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އިލެކްޝަން ކޮމިޝަނުން ވަމުންދާކަމަށެވެ. ހަމަ މިއާއެކު އެޗްޕީއޭއިން ޢާންމުކޮށްފައިވާ ގައިޑްލައިނުގެ ދަށުން އިންތިޚާބު ބޭއްވުމަށް ބޭނުންވާ ވަޞީލަތްތަކާއި ޤާނޫނީ ގޮތުން ހުރި ހުރަސްތަކަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތަކަށް ޙައްލު ގެނެސްދެއްވައިފިނަމަ އިންތިޚާބު އޭޕްރީލް 10ގައި ބާއްވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެންގެ ދައުރު އަދާކޮށްފައި އަޅުގަނޑުމެން މިއޮތީ ޤާނޫނުގައި ވާގޮތަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައި. އެހެންވީމާ ރައްޔިތުންގެ މަޖިލީހުން ނިންމަވާ ގޮތެއްގެ މަތީން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަޅުގަނޑުމެންނަށް ޔަޤީންކަން ދެވޭނެ ގޮތަކީ ސަރުކާރުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދެއްވާކަމަށް ވަންޏާ، އަދި މިކަންތައްތަކުގައި ޙައްލު ހޯއްދަވައި ދެއްވާ ކަމަށް ވަންޏާ، ޔަގީން ކަމާއެކު، އަޅުގަނޑު ދަންނަވާނީ އިތުރުކަމެއް މެދުވެރި ނުވާނަމަ 10 އޭޕްރީލްގައި އަޅުގަނޑުމެން އިންތިޚާބު ބާއްވައިދޭނަމޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ބާއްވާނަމަ ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން ވޯޓް ފޮށީގެ ޢާދަދާއި އޮފިޝަލުންގެ ޢަދަދުވެސް ބޮޑުތަނުން އިތުރުވެގެންދާކަމަށެވެ. އިންތިޚާބު ބޭއްވުމަށް އެކުލަވާލި ޤާނޫނުގެ ދަށުން ކުރިން ބަހައްޓަން ޖެހެނީ 532 ފޮށި ކަމަށާއި، ނަމަވެސް މިހާރު އިންތިޚާބު ބޭއްވުމަށް އެކުލަވާލި ގައިޑްލައިނާއިއެކު 735 ފޮށި ބަހައްޓަން ޖެހޭކަމަށެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި އެކަނި 68 ފޮށި ބަހައްޓަންޖެހޭކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބަށް ބޭނުންވާ އޮފިޝަލުންގެ އަދަދުވެސް މިހާރު އެކުލަވާލައިފައިވާ ގައިޑްލައިންގެ ތެރެއިން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އެގޮތުން ޖުމްލަ 8000 އަށްވުރެގިނަ އޮފިޝަލުން ބޭނުންވާކަމަށެވެ. އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަމުންދާ ތައްޔާރީގެ ތެރެއިން މިހާތަނަށް ކޮމިޝަންގެ 161 މުވައްޒަފަކަށް ކޯވިޑް-19ގެ ވެކްސިން ޖަހާފައިވާކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އިންތިޚާބަށް ވޯޓްކަރުދާސް ޗާޕު ކުރުމަށް މި މަހުގެ 22ވަނަ ދުވަހު ޙަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ކަައުންސިލް އިންތިޚާބުގައި ވޯޓްލުމުގެ ހައްގު 272,480 މީހަކަށް ލިބޭއިރު، ވޯޓް ކަރުދާސް ޗާޕުކުރާނީ އެ އަދަދުގެ އެއް ޕަސެންޓް އިތުރަށްކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.