ދުނިޔޭގެ ވިޔަފާރި

ޑަބްލިއުޓީއޯގެ ވެރިޔާ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް

ދުނިޔޭގެ ވިޔަފާރި ޖަމުޢިއްޔާ، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމަށް ނައިޖީރިއާގެ އެންގޯޒީ އޯކޮންޖޯ-އައިވިއާލާ އައްޔަނުކޮށްފިއެވެ.

މިއީ އެ ޖަމުޢިއްޔާގެ ޑިރެކްޓަރު ޖެނެރަލްކަމަށް އައްޔަންކުރާ ފަރަތަމަ އަންހެން ބޭފުޅާ އަދި އެފްރިކާއަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާވެސްމެއެވެ.

އޯކޮންޖޯ-އައިވިއާލާގެ ކުރިން ޑަބްލިއުޓީއޯގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމުގައި ހުންނެވީ ބުރެޒިލުގެ ރޮބާޓޯ އަޒެވީޑޯއެވެ. ނަމަވެސް އެމަނިކުފާނުގެ ދައުރު ހަމަވުމުގެ އަހަރެއް ކުރިން މިދިޔަ އޮގަސްޓުމަހުގެ ތެރޭގައި އަޒެވީޑޯވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް ކުރިމަތިލުމަށް އެޖަމުޢިއްޔާގެ މެމްބަރު ޤައުމުތަކަށް ހުޅުވާލި ފުރުޞަތުގައި 8 ޤައުމަކުން ވަނީ އެމަޤާމަށް ނަން ހުށަހަޅާފައެވެ. ނަން ހުށަހެޅި ޤައުމުތަކަކީ، މިސްރު، ދެކުނު ކޮރެޔާ، މެކްސިކޯ، މޯލްޑޯވާ، ނައިޖީރިއާ، ސައުދީ އަރަބިއްޔާ އަދި އިނގިރޭސިވިލާތެވެ. މިޤައުމުތަކުން ވަނީ ވިޔަފާރީގެ ދާއިރާއިން ތަޖުރިބާކާރު ބޭފުޅުންތަކެއްގެ ނަން ހުށަހަޅާފައެވެ. ނަން ހުށަހެޅި ޤައުމުތަކުގެ ނަންތައް ދިރާސާކުރުމަށްފަހު 8 ފަރާތުގެ ތެރެއިން 2 ބޭފުޅެއްގެ ނަންފުޅު ވަނީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް އައްޔަންކުރަން ޝޯޓް ލިސްޓްކޮށްފައެވެ. އެއީ އޮކޮންޖޯ އާއި ދެކުނު ކޮރެޔާގެ ޓްރޭޑް މިނިސްޓަރ ޔޫ މިންގ ހީއެވެ. ނަމަވެސް ދެކުނު ކޮރެޔާގެ ޓްރޭޑް މިނިސްޓަރ ކެންޑިޑެސީ އަނބުރާ ގެންދެވުމުން އެ މަޤާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓުގެ ގޮތުގައި ހުންނެވީ އޯކޮންޖޯއެވެ.

164 މެންބަރުން ހިމެނޭ ޑަބްލިއުޓީއޯގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމަށް އޯކޮންޖޯ އައްޔަނުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގައެވެ. އުމުރުން 66 އަހަރުގެ އޯކޮންޖޯ ވިދާޅުވީ ޑަބްލިއުޓީއޯގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމުގައި ހުންނަވާ އެކަމަނާ އެންމެ އިސްކަމެއް ދެއްވާނީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި ޞިއްޙީ އަސަރުތައް ޙައްލުކުރުމަށް މަސައްކަތްކޮށް، ދުނިޔޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމަށްކަމަށެވެ. މި ޙާލަތުގައި ޑަބްލިއުޓީއޯއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ނަމަވެސް ޤައުމުތައް ގުޅިގެން އެކުގައި މަސައްކަތްކޮށްފިނަމަ އެ ޖަމުޢިއްޔާ އިތުރަށް ވަރުގަދަވެ މިހާރުގެ ޙާލަތަށް ހޭނުމަށް ފަސޭހަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުޓީއޯގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އޯކޮންޖޯ އައްޔަނުކޮށްފައި މިވަނީ އެ މަޤާމަށް އެކަމަނާ އައްޔަނުކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ތާޢީދު ކުރެއްވުމުންނެވެ. ބައިޑަންގެ ކުރިން އެމެރިކާގެ ރައީސްގެ މަޤާމުގައި ހުންނެވި ޑޮނަލްޑް ޓްރަންޕު ވަނީ ޑަބްލިއުޓީއޯގެ އިސް މަޤާމަށް އޯކޮންޖޯ އައްޔަނުކުރުމަށް ދެކޮޅު ހައްދަވާފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕު ގެންގުޅުއްވި 'އެމެރިކާ ފަސްޓު' ސިޔާސަތުގެ ސަބަބުން އެ ޤައުމާއި ދުނިޔޭގެ އެހެން ޤައުމުތަކާއި ދެމެދު ވިޔަފާރީގެ ގިނަ މައްސަލަތަކެއް ވަނީ އުފެދިފައެވެ. އޯކޮންޖޯއަށް ރުހުން ދިނުމަށް މިހާރުގެ ރައީސް ބައިޑަން ނިންމެވި ނިންމުމަކީ ބައިނަލްއަޤްވާމީ މައްސަލަތަކަށް ޙައްލު ހޯދުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.

ޑަބްލިއުޓީއޯގައި އެމެރިކާގެ ފަރާތުން އިންނަވާ މަންދޫބު، ޑޭވިޑް ބިޒްބީ ވިދާޅުވީ އޯކޮންޖޯއާއެކު މަސައްކަތްކުރުމަށް އެމެރިކާއިން ޝައުގުވެރިވާކަމަށެވެ. އަދި އެމެރިކާއަކީ ޑަބްލިއުޓީއޯގެ މަސައްކަތްތަކުގައި ހަރުދަނާ ބައިވެރިއަކަށްވާނެކަމުގެ ޔަޤީންކަން އެކަމަނާއަށް އަރުވާކަމަށް ބިޒްބީ ވިދާޅުވިއެވެ.

އޯކޮންޖޯއަކީ ވޯލްޑު ބޭންކުގައިވެސް 25 އަހަރުވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަނާ ވަނީ ވޯލްޑު ބޭންކުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ. އެކަމަނާއަކީ ނައިޖީރިއާ އަދި އެމެރިކާގެ ރަށްވެހިކަންވެސް އޮންނަ ބޭފުޅެކެވެ.