ޚަބަރު

އިންތިޤާލީ އިންސާފު އޮފީހުގެ ވެރިންގެ މުސާރަ ކަނޑައަޅުއްވައިފި


އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ، އުފެއްދެވި އޮފީހުގެ ވެރިންގެ މުސާރަތައް މަޖިލީހުން ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޗީފް އޮމްބަޑްސްޕާސަންއާއި އޮމްބަޑްސްޕާސަންގެ އޮފީހުގެ ވެރިންގެ މުސާރައާއި ޢިނާޔަތްތައް މާލިއްޔަތު ކޮމެޓީން ނިންމި ގޮތަށް މިއަދު ވަނީ ވޯޓަށް އަހާފައެވެ. އެ ރިޕޯޓުގައި ކޮމިޓީން ފާސްކޮށްފައިވާގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ 40 މެމްބަރުންގެ ވޯޓުންނެވެ.

ޗީފް އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި މަހަަކު 25،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 12،500 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި މަހަކު 25،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 8،500 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ނ.މާފަރު އީޓުޖެހިގެ ޢަބްދުއްސަލާމް ޢާރިފެވެ. އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ގއ.ކަނޑުހުޅުދޫ ބްލޫރޯޒް އަލްއުސްތާޛާ ޖިހާދާ އަނީސާއި، ހ.ފެހިއާލާ މަރްޔަމް ލައިޒާއެވެ.

ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވި ޢަބްދުއްސަލާމް ޢާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރސް އޮފް ކޮމްޕެރެޓިވް ލޯސް ވެސް ހާސިލުކުރައްވާފައެވެ. އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛާ ޖިހާދާ އަނީސް އެންމެފަހުން އަދާކުރެއްވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމެވެ. އޭގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އަދި އެޓާރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގެ އިސް މަޤާމުތަކެއް އެ ކަމަނާ ފުރުއްވާފައިވެއެވެ. އަލްއުސްތާޛާ ޖިހާދާ އަނީސް ވަނީ މޯލްޓާގެ އައި.އެމް.އޯ. އިންޓަނޭޝަނަލް މެރިޓައިމް އިންސްޓިޓިއުޓުން މާސްޓަރސް އޮފް ލޯސް އިން އިންޓަރނޭޝަނަލް މެރިޓައިމް ލޯ ހާސިލުކުރައްވާފައެވެ.

އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަންކުރެއްވި މަރްޔަމް ލައިޒާ މީގެ ކުރިން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރަރއެއްގެ މަޤާމާއި، ހިއުމަންރައިޓް ކޮމިޝަނާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި، އަދި ތަޢުލީމީ ދާއިރާގެ މަޤާމުތައް އަދާކުރައްވާފައެވެ. މަރްޔަމް ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން، އަދި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.

ރައީސުލްޖުމްހޫރިއްޔާ އިންތިޤާލީ އިންސާފުގެ ބިލު ތަސްދީޤު ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި ޤާނޫނުގައި އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސްޢޫލިއްޔަތުތަކާއި، އެ ފަރާތުގެ ބާރުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެއާއެކު މި ޤާނޫނުގައި އޮމްބަޑްސްޕަރސަންގެ އޮފީހުން މަސައްކަތްކުރަން ވާނީ، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، ތަޢައްޞުބުން އެއްކިބާވެތިބެ، މި ޤާނޫނުގެ މަޤްޞަދުތައް ހާސިލުވާނެ ގޮތުގެމަތިންކަމުގައި ބަޔާންކޮށްފައިވެއެވެ.