ޚަބަރު

ކޯވިޑް-19 : ދިގު މުއްދަތަށް ބޭސް ބޭނުންކުރާ 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި


ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންގެ ތެރެއިން އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކަށާއި 55 އަހަރުން މަތީގެ ފަރާތްތަކަށް މިއަދުން ފެށިގެން ވެކްސިން ޖަހަން ފަށާފައިވާކަމަށެވެ.

މި ފަރާތްތަކަށް މާލޭ ސޯޝަލް ސެންޓަރުންނާއި ހުޅުމާލޭ ކުރީގެ ފްލޫ ކްލިނިކުގައި ޤާއިމުކޮށްފައިވާ ވެކްސިނޭޝަން ސެންޓަރުން އަދި އިސްލާމީ މަރުކަޒުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވެކްސިން ޖެހޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ވިލިމާލޭ ޒުވާނުންގެ މަރުކަޒުން ހެނދުނު 9:00 އިން މެންދުރު 1:00 އަށް ވެކްސިން ޖެހޭނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި މި ބައްޔަށް ފަރުވާކޮށް ނިމުނުތާ އަހަރެއް ހަމަނުވާ މީހުންނާއި ހަކުރު ބައްޔާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ވެކްސިން ޖަހާދޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ސްޓްރޯކެއް ޖެހިފައިވާ މީހުންނާއި އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުންނާއި ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީ ބާރު ދަށްވެފައިވާ މީހުންވެސް ވެކްސިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ކިޑްނީ ބަލީގެ ސްޓޭޖް 3 އަދި 4 ގެ ބަލިމީހުނާއި ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަޙައްމަލުކުރަމުންދާ މީހުން، ތެލެސީމިއާ މޭޖަރ/ސިކްލްސެލް އެނީމިއާ ހުންނަ މީހުނަށްވެސް ވެކްސިން ޖަހާދޭނެކަމަށެވެ. އަދި އެނދުމަތިވެފައިވާ މީހުންނާއި އެމީހުން ބަލަހައްޓާ މީހުންނާއި އެއްވެސް ބައްޔަކާއި ގުޅިގެން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންނަށްވެސް ވެކްސިން ޖަހާދޭނެއެވެ.

ވެކްސިން ޖެހުމަށް ވަޑައިގަތުމުގެ ކުރިން އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓްރީވުމަށާއި، ވެކްސިން ސެންޓަރަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޑްރައިވިންގ ލައިސެންސް ހިއްޕަވައިގެން ވަޑައިގަތުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ރަނގަޅަށް ކައިގެން ދިއުމަށާއި، ދިގު މުއްދަތަށް އެހެން ބައްޔަކަށް ބޭސްކާނަމަ، ބޭސް ސިޓީ ހިއްޕަވައިގެން ވަޑައިގަތުމަށްވެސް އެ އެޖެންސީން އިލްތިމާސްކުރައްވައެވެ.

ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ވެކްސިނޭޝަން ސެންޓަރުތަކަށް ނުދިއުމަށް އެޗް.ޕީ.އޭއިން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ ޑައިރެކްޓް ކޮންޓެކްޓުންވެސް ވެކްސިނޭޝަން ސެންޓަރުތަކަށް ނުދިއުމަށް އެ އެޖެންސީން އިރުޝާދު ދެއްވާފައިވެއެވެ.

މިހާތަނަށް ރާއްޖެއިން 27000 އަށްވުރެ ގިނަ މީހުންވަނީ ކޯވިޑްގެ ވެކްސިން ޖަހާފައެވެ. މިމަހުގެ 1 ވަނަ ދުވަހު ވެކްސިން ޖަހަން ފަށާފައިވާއިރު މިހާރު މާލެ ސަރަޙައްދުގެ 7 ތަނަކާއި އަތޮޅުތަކުގެ 55 ސެންޓަރެއްގައި ދަނީ ވެކްސިން ޖަހާދެމުންނެވެ.

ރާއްޖޭގައި މިހާރު ދެމުންދަނީ އޮކްސްފޯޑާ އެސްޓްރާ ޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100000 ޑޯޒް ރާއްޖެއަށް ހަދިޔާ ކުރީ އިންޑިއާއިންނެވެ.