ސިއްޚީ ޚިދުމަތްތެރިންނަށް ނުކަތާވަރަށް ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެނަމަ ފަރުވާ ދިނުމަށް އުނދަގޫވާނެކަމަށް މިބަލި ރާއްޖެއިން ފެނުނީއްސުރެ ޑޮކްޓަރުން ދިޔައީ ވިދާޅުވަމުންނެވެ. އަދި ބަލިޖެހޭ މީހުން އިތުރުވެ ރާއްޖޭގެ އައިސީޔޫތަކާއި ހޮސްޕިޓަލްތައް ފުރިއްޖެނަމަ އެންމެންގެ ފުރާނަ ސަލާމަތް ކުރަން ބޭނުންވިނަމަވެސް އެކަށީގެންވާ ވަޞީލަތްތައް ނެތްނަމަ ކޮންމެވެސް އެއްބަޔަކު ވަކިވެގެންދާން ޖެހިދާނެކަމަށް އަބަދުވެސް ޑޮކްޓަރުން ދިޔައީ ވިދާޅުވަމުންނެވެ.
ބަލި ފެތުރެން ފެށި ދުވަސްވަރު ހޮސްޕިޓަލްތަކުގެ އެނދުތައް ނުފުރުނިނަމަވެސް އޭރުވެސް ޑޮކްޓަރުން ދިޔައީ ބަލި މީހުންނަށް ފަރުވާދިނުމުގައި އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭރުވެސް އަހަރުމެން ޑޮކްޓަރުންގެ ބަސް އެހީމު ނޫން ހެއްޔެވެ؟ އަނެއްކާވެސް މިވަނީ ބަލި ޖެހޭ މީހުންގެ އަދަތުތައް މައްޗަށްގޮސް ފަރުވާދިނުމުގައި ދަތިތަކާ ކުރިމަތިލާ ހިސާބަށް ދާންޖެހިފައެވެ. މާލެއާއި އަތޮޅުތެރޭގައި ފަރުވާދޭނެ އެނދުތައް ހުރިނަމަވެސް ފަރުވާދޭނެ އިންސާނީ ވަޞީލަތްތައް މިވަނީ މަދުވާން ފަށާފައެވެ. ހަޤީގަތަށް ބުނާނަމާ އެނދުތައް މިވަނީ ފުރިފައެވެ. އެހެންކަމުން މިދަނޑިވަޅަކީ ޑޮކްޓަރުންގެ ބަސް އަނެއްކާވެސް އަހަންވީ ދަނޑިވަޅެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރޫ ގްރޫޕްގެ ހެޑް ޑރ. ޢަލީ ލަތީފް ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވާނަމަ އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ދަތިވާނެކަމަށާއި މިހާރުވެސް ދުވާލެއްގެ މައްޗަށް މައްޗަށް 15 މީހުން އެޑްމިޓް ކުރަންޖެހޭކަމަށެވެ. އަދި ބައެއް ދުވަސް ދުވަހު 30 ޕޭޝަންޓުން ވެސް އެޑްމިޓް ކުރަންޖެހޭ ކަމަށް ޑރ. އަލީ ލަޠީފް ވިދާޅުވެއެވެ.
ޑޮކްޓަރ ވިދާޅުވީ ކޭސްތައް ގިނަވާނަމަ ހުރިހާ އެންމެން އެޑްމިޓް ނުކުރެވިދާނެ ކަމަށާއި ކުދިކުދި އަލާމާތްތައް ހުންނަ ފަރާތްތަކަށް ގޭގައި ފަރުވާދޭން ޖެހިދާނެ ކަމަށެވެ. އަދި ކޭސްތައް އިތުރުވާނަމަ އެނދުގެ އަދަދު އިތުރުކުރި ނަމަވެސް އެމީހުންނަށް ފަރުވާ ދޭނެ މީހުން ނުލިބޭނެ ކަމަށް އަލީ ލަތީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ބެޑް އިތުރަށް ގެނެވިދާނެ. ހުޅުމާލެ ފެސިލިޓީއަށް ވެސް 240ގެ ބަދަލުގައި 300 ބެޑު ވެސް ޖެހިދާނެ. 350 ބެޑު ވެސް ޖެހިދާނެ. އެކަމަކު ފަރުވާދޭނެ ޑޮކްޓަރުން އަޅުގަނޑުމެން އެވަރަށް ހޯދާނީ ކޮންތާކުންތޯ؟ ޑޮކްޓަރުންނާއި ނަރުހުންނެއް ނުލިބޭނެ،" ޑރ. އަލީ ލަޠީފު ވިދާޅުވިއެވެ.
ރާޢްޖެއަކީ ސިއްޙީގޮތުން އެހެން ޤައުމުތަކާ ޚިލާފަށް ސިއްޙީ ދާއިރާގައި ފަރުވާދޭނެ ސާމާނާއި އިންސާނީ ވަޞީލަތްތައް މަދު ޤައުމެކެވެ. މުޅި ދުނިޔެ މިބައްޔާ ހަނގުރާމަ ކުރަމުން އަންނައިރު މުޅި ދުނިޔެވެސް ޑޮކްޓަރުންނާއި ނަރުހުންނަށް މިވަނީ ބޭނުން ޖެހިފައެވެ. އެހެންކަމުން މި ދަނޑިވަޅުގައި ބޭރު ޤައުމުތަކުންވެސް ޑޮކްޓަރުން ލިބޭނީ ކިހިނަކުން ތޯއެވެ؟ އަނެއްކޮޅުން ރާޢްޖޭގައި ތިބި މަދު ޑޮކްޓަރުންނާއެކު އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށްވެސް ފަރުވާދޭން އެބަޖެހެއެވެ. އެ ޑޮކްޓަރުންވެސް ކޯވިޑް ޖެހިފައިވާ މީހުންނަށް ސަމާލުކަންދޭން ފަށައިފިނަމަ ދެން އެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވާނެ ގޮތާމެދުވެސް ވިސްނާލާށެވެ. މީގެ ކުރިންވެސް ކޭސްތައް އިތުރުވުމާ ގުޅިގެން ހޮސްޕިޓަލްތަކުގައި އާންމު ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ވަނީ ޚިދުމަތަށް ނެރެފައެވެ. ޑޮކްޓަރުން އެއް ބައްޔަކަށް ފަރުވާ ދޭން ފަށައިފިނަމަ ފަހަރުގައި ދެން ހުރި ބަލިތައްޖެހޭ މީހުންގެ އަދަދުތައް އިތުރުވެދާނެއެވެ. އެހެންވެއްޖެނަމަ އަނެއްކާވެސް ބޮޑު ބުރައަކާއި ހިތާމައެއް ކުރިމަތިވާނެއެވެ.
ރާއްޖޭގައި މިވަގުތު ސިއްޙީ ޚިދުމަތުގައި ތިބީ 905 ޑޮކްޓަރުންނާއި 2970 ނަރުހުންނެވެ. އަދި ރާއްޖޭގައިތިބީ އާބާދީގެ ކޮންމެ އެއްހާސް މީހަކަށް 2 ޑޮކްޓަރުންނާއި، ކޮންމެ އެއްހާސް މީހަކަށް 7 ނަރުހުންކަމަށް ކުރިން އެންއީއޯސީން ވަނީ ހާމަކުރައްވާފައެވެ. މި ޑޮކްޓަރުންގެ އިތުރަށްވެސް ބޭރު ޤައުމުތަކުގައި ކިޔަވަން ތިބި ބައެއް ކުދިން ވަނީ ޑޮކްޓަރުންގެ ޓީމާ ގުޅިފައެވެ.
ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 17000 އިން މައްޗަށް އަރާފައިވާއިރު 206 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. އަދި މިހާތަނަށް 57 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އެޑްމިޓްކޮށްގެން ފަރުވާދިނުމަށްޓަކައި ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ޖުމްލަ ހުރީ 248 އެނދެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި 9 އެނދު ހުރި އިރު ޑީއެޗް 16 ގައި ހުރީ 10 އެނދެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ އެންމެ ނުރައްކާތެރި ވަގުތުތައް ގުނަމުން އަންނައިރު ސިއްޙީ ދާއިރާގައި ޙާލަތު ވަޒަންކުރައްވަމުން ގެންދަވާ ޓީމުން އަދިވެސް އުއްމީދު ކަނޑައެއްނުލައެވެ. މިއީ އަނެއްކާވެސް އަޅުގަނޑުމެން ޢާއްމުން ގޭގައި ތިބުމުގެ މަސްއޫލިއްޔަތު އުފުލަންވީ ވަގުތެވެ. ވަކިބަޔަކު ކުށްވެރިނުކޮށް އަމިއްލައަށް މަގުމަތީ އުޅޭ ވަގުތު މަދުކުރަންވީ ވަގުތެވެ. މިއީ ޙާލަތު ބަދަލުކޮށް ޤައުމުގެ މުސްތަގުބަލުގެ ނިޔާ އަޅުގަނޑުމެންގެ ޢަމަލުތަކުން ނިންމަންވީ ދަނޑިވަޅެވެ. މިއަދު އަޅުގަނޑުމެންގެ އަމަލުތައް ރަނގަޅު ނުކޮށްފިނަމަ ޑޮކްޓަރުން ކުރާ މަސައްކަތްތައް ހުއްޓި އެމީހުންގެ ވަރުބަލި ވެދާނެއެވެ. އެހެންކަމަށްވެއްޖެނަމަ މިބަލީގައި ގިނަ ބަޔަކު ދުނިޔެ ދޫކޮށް ދާންޖެހިދާނެއެވެ.
މިބަލީގައި އަޅުގަނޑުމެންގެ ޤައުމުން ގިނަބަޔަކު މަރުވެ ނުދަނީސް މިކަމުގެ ބިރުވެރިކަން ވަޒަން ކުރައްވާށެވެ. ޑޮކްޓަރުންގެ ބަސް އަހާށެވެ. ރައްކާތެރިކަން އިސްކުރައްވާށެވެ. ގޭގައި އަދިވެސް މަޑުކޮށް ދެއްވާށެވެ. އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްތަކަށް އަމަލުކުރާށެވެ. ކުރިން ބަލި ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ ފަރާތުން ދެއްކި ހިތްވަރާއި އެއްބާރުލުން އަލުން ދައްކަމާ ހިނގާށެވެ. ބަލި މީހުންނަށް ފަރުވާ ދެމުންދާ ޑޮކްޓަރުންނާއި ނަރުންގެ ފުރާނައަށް ވިސްނާ ބަސްއަހާ ބަޔަކަށް ވަމާ ހިނގާށެވެ.