ޚަބަރު

މާލެ ސަރަހައްދުގައި މިހާރު ގިނަވެގެން އެއްވެ އުޅެވޭނީ 10މީހުންނަށް


މާލެ ސަރަޙައްދުގައި ވަކި އަދަދަކަށްވުރެ ގިނައިން މީހުން އެއްވެ އުޅުން މަނާކޮށްފިއެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވައި ނެރުއްވާފައިވާ އެންގުމުގައިވަނީ މާލޭ ސަރަޙައްދުގައި މަގުމައްޗާއި އާއްމު ތަންތަނަށް އެއްފަހަރާ އެންމެގިނައިން އެއްވެ އުޅެވޭނީ 10މީހުންނަށްކަމަށެވެ. އަދި މި ފިޔަވަޅު ތަންފީޒުކޮށް، ޢަމަލުކުރުމަށް އެންމެހާ ފަރާތްތަތަކަށް ވަނީ އަންގަވާފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ނެރުއްވާފައިވާ އެންގުމުގައިވަނީ މާލޭ ސަރަޙައްދުގައި މަގުމައްޗާއި އާއްމު ތަންތަނަށް މިޙާލަތުގައި 10 މީހުންނަށްވުރެ އިތުރަށް އެއްވެވޭނީ ޚާއްސަ ޙާލަތްތަކުގައި އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތިންކަމަށެވެ. އަދި ފިޔަވަޅު ތަންފީޒުކުރުމުގައި ވަގުތާއި ޙާލަތަށް ބަލައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ކަމާބެހޭ އެހެނިހެން މުޢައްސަސާތަކުން އަޅަމުންދާނެކަމަށެވެ. މާލެއާ ހުޅުމާލެ ވިލިމާލެ ގުޅީފަޅު ތިލަފުށި އަދި ހުޅުލޭގައިވެސް ޢަމަލުކުރަމުންދާނީ މި އުސޫލުގެ މަތިންނެވެ.

މާލޭ ސަރަޙައްދުގައި އެންމެ ގިނައިން އެއްވެ އުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅާފައިވަނީ، ކޯވިޑް-19އަކީ ފަސޭހައިން ފެތުރޭ ބައްޔަކަށްވާތީ މީހުން ދިމާވާ މިންވަރު ވީހާވެސް ކުޑަކުރުމަށެވެ. ކޯވިޑް-19އާ ގުޅިގެން މީގެކުރިންވެސް މިފަދަ ފިޔަވަޅުތައްވަނީ އަޅާފައެވެ. އެގޮތުން 5 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން އޭރު މަނާކުރިއެވެ.

ކޯވިޑް-19އަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ޕާޓީތަކާ ޖަލްސާއާއި ޙަފްލާތަކާއި އެއްވުންތައް ބޭއްވުންވަނީ މަނާކޮށްފައެވެ. އަދި އެއްވެގެން ކުޅޭ ކުޅިވަރުތައް ކުރިއަށްގެންދިއުންވެސްވަނީ މަނާކޮށްފައެވެ.

މާލެ ސަރަހައްދުގައި އެވްރެޖްކޮށް ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދުހުރީ 100އިން މަތީގައެވެ. އެހެންކަމުން ބަލި ފެތުރޭ މިންވަރު ކުޑަކުރުމަށްޓަކާ އާއިލީ ބޮޑެތި ބައްދަލުވުންތަކާއި ގިނަ މީހުން އެއްވެގެން ޕާޓީތައް ނުބޭއްވުމަކީ މުހިންމުކަމެކެވެ. މިފަދަ ޙަފްލާތަކާއި ޕާޓީތަކުން އުފެދުނު ކްލަސްތަރތައްވެސްވަނީ ފެނިފައެވެ.