ވިޔަފާރި

ޓްއަރިޒަމް އިސްތިހާރުކުރަން ފޯބްސް އާއި ކޮސްމޯޕޮލިޓަން އެޑިޓަރުން ރާއްޖޭގައި


ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ފޯބްސް އާއި ކޮސްމޯޕޮލިޓަން ފަދަ މަޝްހޫރު މަޖައްލާތަކުގެ އެޑިޓަރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ އެ ތަނުގެ ދައުވަތަކަށް ރާއްޖެ އައިސްފައިވަނީ ރަޝިއާ އާއި ސީއައިއެސް ސަރަހައްދުގައި މަޝްހޫރު ނޫސްވެރިންތަކެއްކަމަށެވެ. އަދި މީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް އެކި މާކެޓްތަކަށް އަމާޒްކޮށްގެން ކުރިއަށް ގެންދާ ފެމިލިއަރައިޒޭޝަން ޓްރިޕްތަކުގެ ތެރޭގައި ހިމެނޭ ދަތުރުތަކެއްކަމަށެވެ. މިގޮތުން މީ
ކޮމަންވެލްތް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް، ސީއައިއެސްގައި ހިމެނޭ ޤައުމުތަކަށް އަމާޒްކޮށްގެން މިއަހަރު ކުރިއަށް ގެންދާ ފުރަތަމަ ފެމް ޓްރިޕްކަމަށްވެސް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ސީއައިއެސް ސަރަހައްދުގައި ހިމެނޭ ޤައުމުތަކުގެ ތެރޭގައި ކަޒަކިސްތާންއާއި، އުޒްބަކިސްތާން އަދި ޔޫކްރެއިން ހިމެނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ފެމް ޓްރިޕްގައި ކަޒަކިސްތާނުން ރާއްޖެއައި ނޫސްވެރިންގެ ފުރަތަމަ ޓީމު އައި މިމަހުގެ 5 ވަނަދުވަހުކަމަށެވެ. މިމަހުގެ 12 ވަނަދުވަހުގެ ނިޔަލަށް މި ޓީމް ރާއްޖޭގައި ހަރަކާތްތެރިވާއިރު މި ޓީމުގައި ދުނިޔޭގައި މަޝްހޫރު މަޖައްލާތައްކަމަށް ވާ ފޯބްސް، ކޮސްމޯޕޮލިޓަން، އެސްކުއާ އަދި ހާޕާސް ބާޒާރުގެ ޗީފް އެޑިޓަރުން ހިމެނޭކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ނޫސްވެރިން ރާއްޖޭގައި ކުރާ ތަޖުރިބާތަކާއި ގުޅޭގޮތުން އެ މަޖައްލާތަކުގައި ލިޔާ ލިޔުންތައް ބިނާކުރާނީ ސޭފްޓީ، ލަގްޒަރީ އަދި އެކޯ އިނީޝިއޭޓިވްސް މި މައުލޫތަކުގެ މައްޗަށްކަމަށާއި މި ލިޔުންތައް ގިނަ ބަޔަކާއި ހަމައަށް ވާސިލުވެ ރާއްޖެ އިތުރަށް އިސްތިހާރުވެގެން ދާނެކަމަށް ވިޒަޓް މޯލްޑިވްސްއިން ބުނެއެވެ.

މި ދަތުރުގައި ކަޒަކިސްތާނުން ޒިޔާރަތްކުރި ޓީމްގެ ހުރުން ހަމަޖެހިފައވަނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ކުރަމަތި އައިލެންޑް ރިސޯޓްގައެވެ. ޝެރަޓަންގައި ތިބި ޓީމުން ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރެވޭ ތަޖުރިބާތަކާއި ރިސޯޓަށް ހާއްސަ ކެެއުންތައް ތަޖުރިބާކޮށްފައެވެ. އަދި ކުރަމަތީގައި ތިބި ޓީމުން ވަނީ އިކޯ ސެންޓަރުގެ ތަޖުރިބާތަކާއި ގައިޑެޑް ޓުއާ ސްނޯކްލިން އަދި ސްޕާގެ ޙިދުމަތްތައް ބަލާ ތަޖުރިބާކޮށްފައެވެ.

ރަޝިއާ މާކެޓަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މުޙިއްމު މާކެޓެކެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމުން ރަޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ރަޝިއާ މިހާރު ހިމެނެނީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ ގޮތުގައެވެ. މީގެއިތުުރުން ސީއައިއެސް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޔޫކްރެއިން އާއި ކަޒަކިސްތާނުންވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވަނީ އިތުރުވެފައެވެ.

ކަޒަކިސްތާނާ ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް އެއާ އަސްތާނާ އިންވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ފަށާފައެވެ. މިއާއެކު އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ 10 ޤައުމުގެ ތެރޭގައި ކަޒަކިސްތާން މިހާރު ހިމެނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ ރަޝިއާ އާއި ސީއައިއެސް ސަރަހައްދުގައި ރާއްޖެ އިސްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާކަމަށެވެ. މީގެތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޖޮއިންޓް ހަރަކާތްތަކާއި ޑިޖިޓަލް މާކެޓިން ހަރަކާތްތައް ހިމެނޭކަމަށްވެސް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ވަނީ މިއަހަރުގެ މިހާތަނަށް މެދުއިރުމައްޗާއި އިނގިރޭސިވިލާތަށް އަމާޒުކޮށްގެން ފެމް ޓްރިޕްތަކެއް ބާއްވާފައެވެ.