ވިޔަފާރި

ޓްއަރިޒަމް ކުރިއަރާ، ޖެނައަރީމަހުގެ އާމްދަނީ 1.79 ބިލިއަނަށް


މިދިޔަ ޖެނުއަރީ މަހު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 1.79 ބިލިއަން ރުފިޔާ ލިބިފައިވާކަށްް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ހާމަކުރައްވައިފިއެވެ. އެއިދާރާއިން ވިދާޅުވީ މީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 1.2 އިންސައްތަ ދަށް އަދަދެއްކަމަށެވެ.

މީރާއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު މީ އެ އިދާރާއިން ޖެނުއަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 76.8 އިންސައްތަ އިތުރު އަދަދެކެވެ. އަންދާޒާކުރި ވަރަށްވުރެ އިތުރު އާމްދަނީއެއް ލިބިފައިވަނީ މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ލަފާކުރި އަދަދަށްވުރެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުންކަމަށް މީރާއިން ވިދާޅުވެއެވެ. މިއާއެކު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއާއި، އެއަރޕޯޓް ޓެކްސްތަކާއި ފީތަކުން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މިރާއިން ވިދާޅުވެއެވެ. އަދި ރިސޯޓްތަކުގެ ވިޔަފާރިވެސް ރަނގަޅުވެ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީވެސް އަންދާޒާކުރި ވަރަށް ވުރެ އިތުރުވެފައިވާކަން މީރާގެ ހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރާއި އަޅާ ބަލާއިރު މި ޖެނުއަރީގައި ލިބުނު އާމްދަނީ 1.2 އިންސައްތަ އަދިވެސް ހުރީ ދަށުގައެވެ. މީގެ މައިގަނޑު ސަބަބަކީ ކޯވިޑާއި ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އަދިވެސް ހަމައަކަށް އެޅިފައިނުވާތީކަމަށް މިރާއިން ވިދާޅުވެއެވެ.

ޖެނުއަރީމަހު ލިބުނު އާމްދަނީގެ 43.4 އިންސައްތައަކީ އާމްދަނީ ނަގާ ޓެކުހުވެ. އޭއީ 777.46 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 734.60 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 57.35 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޓް ގޮތުގައި 52.34 މިލިއަން ރުފިޔާ، ބީ.ޕީ.ޓީގެ ގޮތުގައި 45.57 މިލިއަން ރުފިޔާވަނީ ދައުލަތަށް ލިބިފައެވެ. އަދި އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ އަދަދަކީ 123.35 މިލިއަން ރުފިޔާއެވެ.

މީރާގެ ހިސާބުތަކުން ދައްކާގޮތުގައި މިިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ އަދަދަކީ 46.01 މިލިއަން އެމެރިކާ ޑޮލަރެވެ.