ތަރައްްޤީ

25 ރަށެއްގައި ފެނާއި ނަރުދަމާ އަޅައިދޭނެ ބަޔަކު ހޯދަނީ


25 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން 11 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށާއި، 14 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން މަޝްރޫއުތައް ހިންގާ ރަށްތައް

- ކ. ތުލުސްދޫ، ނ. މިލަދޫ
- ނ. ލަންދޫ، ނ. މަގޫދޫ
- ށ. ބިލަތްފަހި، ށ. ނޫމަރާ
- ބ. ކުޑަރިކިލު، ބ. ދޮންފަނު
- ބ. ކިހާދޫ، ބ. ފުޅަދޫ
- ބ. ފެހެންދޫ

ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރާ ރަށްތައް

- ކ. ހިންމަފުށި، އދ. ދިއްދޫ
- އދ. އޮމަދޫ، މ. ނާލާފުށި
- މ. ރަތްމަންދޫ، ތ. ދިޔަމިގިލި
- ތ. މަޑިފުށި، ވ. ކެޔޮދޫ
- ވ. ރަކީދޫ، ގއ. ދެއްވަދޫ
- ގއ. ނިލަންދޫ، ގދ. ނަޑެއްލާ
- ލ. ހިތަދޫ، ލ. ކުނަހަންދޫ

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތަށް ޝަރުތު ހަމާވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށްގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން، އައި.ސީ.ބީ އުޞޫލުގެ މަތިން ކަމަށެވެ. އަދި މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު މިމަހުގެ 14 ވަނަދުވަހު ހުޅުވާލާނެކަމަށެވެ. އަދި މި ފުރުސަތު އަންނަ މަހުގެ 10 ވަނަދުވަހުގެ ނިޔަލަށް އޮންނާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ސަރުކާރު ކުރިޔަށް ގެންދަވާ މަޝްރޫއުތަކުގެ މައްޗަށް އަލި އަޅުއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ފެނާއި ނަރުދަމާ ނިޒާމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤަކަށް ވިޔަސް، އެމަނިކުފާނު ވެރިކަމާ ހަވާލުވެޑައިގެންނެވިއިރު، ރާއްޖޭގެ 70 އިންސައްތަ އަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި، ވަރަށް ގިނަ ރަށްރަށުގައި އެ މަޝްރޫޢުތައް ފަށާފައިވާކަމަށެވެ. އަދި މިހާތަނަށް ނުފެށި ހުރި ރަށްރަށުގެ ތެރެއިން 20 ރަށެއް ފިޔަވައި، އެހެން ހުރިހާ ރަށެއްގެ މަސައްކަތް، މިމަސް ނިމުމުގެ ކުރިން އެކި ފަރާތްތަކާއި ޙަވާލުކުރެވޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ބާކީ އޮތް 20 ރަށުގެ މަސައްކަތްވެސް މިއަހަރު ނިމުމުގެ ކުރިން ބަޔަކާ ޙަވާލުކުރައްވާނެކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ އެކި މަޝްރޫޢުތައް މާލެއާއި އަތޮޅުތަކުގައި ކުރިއަށްދާއިރު، 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތަކުގެ ތެރެއިން 228 މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިވަގުތުވެސް ކުރިއަށް އެބަދެއެވެ. އަދި 379 މަޝްރޫޢެއް މިހާރު ނިމިފައިވާކަމަށާއި، 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި 229 މަޝްރޫޢެއް އަލަށް ފެށުމަށް ހަމަޖެހިފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައިވެއެވެ. ސަރުކާރުގެ އަމާޒަކީ މިދައުރުގެ ތެރޭގައި ރާއްޖޭގެ 199 ރަށެއްގައި 1200 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް ފެށުމެވެ.