ރ. އަނގޮޅިތީމު ސްކޫލާއި، ގއ. މާމެންދޫ ސްކޫލު މަރާމާތުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ޖަޕާން ސަރުކާރުން ފޯރުކޮށްދީފިއެވެ.
މި 2 ސްކޫލު މަރާމާތުކުރުމުގެ މަސައްކަތަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަޕާން ސަރުކާރުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެހީ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ޖަޕާން ސަރުކާރުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. ރ.އަނގޮޅިތީމު ސްކޫލްގެ ފަރާތުން އެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް، އަޙްމަދު ޢަބްދުﷲ އެވެ. އަދި ގއ. މާމެންދޫ ސްކޫލްގެ ފަރާތުން އެހީގެ އެއްބަސްވުމުގައި ވާރޗުއަލްކޮށް ސޮއި ކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް، އާޒިމް ޢަބްދުﷲއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޖަޕާން ސަފީރު ވިދާޅުވީ، ޖަޕާން ސަރުކާރުން ފޯރުކޮށްދިން މި އެހީއާއެކު އަނގޮޅިތީމު ސްކޫލާއި، މާމެންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބި، ދެ ރަށުގެ ސްކޫލަށްވެސް އިތުރުކުދިންނަށް ކިޔަވަން ދިއުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އަދި ދަރިވަރުންނަށް ރައްކާތެރި މާހައުލެއްގައި އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ޤައުމުން އަބަދުވެސް އިސްކަންދޭ މުހިއްމު ދާއިރާއެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.
ޖަޕާން ސަފީރު ވަނީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ހަމަހަމަކަމާއެކު ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ އެކަންކަމަށް ތަޢުރީފުކުރައްވާފައެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް، އަތޮޅުތަކުގެ ފެސިލިޓީތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް ޖަޕާނުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.
"ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ޕްރީ-ސްކޫލުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު އެއްވެސް ކުއްޖަކު ބާކީނުވާހެން ހިމަނާފައިވާ ހިމެނުމަކީ ވަރަށް މުހިއްމު ކުރިއެރުމެއް. މިކަން ހަޤީޤަތަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް" ޖަޕާނު ސަފީރު ވިދާޅުވިއެވެ.
Today, the Embassy of Japan in Maldives signed grant agreements with Ga. Maamendhoo School and R. Angolhitheemu School to provide a grant aid of MVR 2,793,209.64 to upgrade the schools.
— Ministry of Education (@MoEdumv) February 11, 2021
1/3 pic.twitter.com/l5TxGXFExA
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ އަޙުމަދު ޢަލީ ވަނީ ޖަޕާނުން މި ދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް، ޖަޕާން އެމްބަސީއަށާއި ޖަޕާނުގެ ސަރުކާރަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކުރުމުގައި ޖަޕާނަކީ ފެށުނީންސުރެއް މުހިއްމު ބައިވެރިއެއްކަމަށާއި، މާލެއާއި އަތޮޅުތަކުގައިވެސް ޖަޕާނު ސަރުކާރުގެ އެހީގައި ތަޢުލީމީ ދާއިރާއާއި ގުޅުންހުރި އެތައް މަޝްރޫޢެއް ހިންގާފައިވާކަން ޢަޙްމަދު ޢަލީ ފާހަގަކުރެއްވިއެވެ،
"ތަޢުލީމީ ދާއިރާއިން އެކަނިވެސް ޖަޕާނުން ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވޭ. ޖަޕާން ސަރުކާރުގެ އެހީގައި ތަޢުލީމީ ދާއިރާއާއި ގުޅުންހުރި މަޝްރޫޢެއް ހިންގާފައިނުވާ އަތޮޅެއް މިހާރު ނޯންނާނެ. ވަކިން ޚާއްސަކޮށް ސްކޫލު މަދަރުސާތައް އިމާރާތްކުރުމާއި، މިދާއިރާގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް ޖަޕާނުން ރާއްޖެއަށް ބޮޑެތި އެހީތަކެއް ވަނީ ފޯރުކޮށްދީފައި" އަޙުމަދު ޢަލީ ވިދާޅުވިއެވެ.
ޖަޕާން ސަރުކާރުން ކުރިއަށްގެންދާ "ގްރާސް -ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް"، ޖީ.ޖީ.ޕީ ސްކީމުގެ ދަށުން ރ. އަނގޮޅިތީމު ސްކޫލަށް 1.2 މިލިއަން ރުފިޔާ، އަދި ގއ. މާމެންދޫ ސްކޫލަށް 1.3 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިއިން ކޮންމެ ރަށެއްގައި 2 ކްލާސް ރޫމު އިމާރާތްކުރުމުގެ އިތުރުން، ސްކޫލް އިމާރާތް އާބާތުރަފިލުވުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި، ޖަޕާން އެމްބަސީއާއި، 2 ރަށުގެ ސްކޫލު ގުޅިގެންނެވެ.