ޓޫރިޒަމް އިންޑަސްޓްރީގައި މީހުން ބިނާކުރުމުގެ މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު އްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ޓޫރިޒަމް މިނިސްޓްރީން އެދުމުން ޔުނިވަރސިޓީގެ އެކެޑަމިކް ޕްރޮގްރާމްތަކާއި ކޯސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުން މީހުން ތަމްރީންކޮށްދިނުމަށް މަގުފަހިކޮށްދީ ޖާގަ ހަމަޖައްސައިދޭނެއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރ އޮފް ޓޫރިޒަމް، ޑރ. އަބްދުﷲ މަޢުޞޫމްއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ، މުޙައްމަދު ޝަރީފެވެ. މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީގެ ޑީން ޒީނަތު ޞާލިޙުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 
މި ސޮއިކުރެވުނު މިއެއްބަސްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުސޫމް ވިދާޅުވީ، މި އެެއްބަސްވުމުގައި ސޮއިކުރުމުގެ މައިގަނޑު މަޤްސަދަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހި މަސައްކަތްތެރީން އިތުރުކުރުމާއި، މެނޭޖްމަންޓް ލެވެލްއަށް ދިވެހިންނަށް ދެވޭނެމަގު ފަހިކޮށްދިނުންކަމަށެވެ. އަދި މި އެއްބަސްވުމުގެ ތެރެއިން ވަކިން ފަރުމާކޮށްގެން ޚާއްސަ ކޯސްތަކެއް ތައާރަފްވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 
" ދިވެހިން މަސައްކަތްކުރާ ހިތްވާ، ބޮޑެތި މުސާރަ ލިބޭ މަޤާމްތަކަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެ، މިހާރު އަޅުގަނޑުމެންވަނީ މިދާއިރާތައް އައިޑެންޓިފައިކޮށްފައި، އެމްއެންޔޫއާއި ގުޅިގެން މި ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމުގެ ދޮރު މި ހުޅުވުނީ،" ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
		
										
			 ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، މުޙައްމަދު ޝަރީފް މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި މިޕްރޮގްރާމްގެ ދަށުން މެނޭޖްމަންޓް ލެވަލްއަށް ދިވެހިން ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. 
"އިތުރު ހިތްވަރަކާއެކު މަސައްކަތްކުރާނަން ރިސޯޓުތަކުގައި، މެނޭޖްމަންޓް ލެވަލްއަށް މީހުން އުފެއްދުން އެއީ މިހާރު އެންމެ ބޮޑު އެއް އަމާޒު، މީގެ އިތުރަށްވެސް ޓޫރިޒަމް މިނިސްޓްރީއާއެކު ދިރާސާތައް ކުރިއަށް ގެންދިޔުމަށްވެސް އެހީވެދޭނެ،" ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، މުޙައްމަދުޝަރީފް ވިދާޅުވިއެވެ. 
ޝަރީފް ވިދާޅުވީ ޔުނިވަރސިޓީން ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކަށް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްކަމަށެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ޔުނިވަރސިޓީތަކާއެކުވެސް ކޯސްތައް ކުރިއަށް ގެންދިޔުމަށް ޤައުމީ ޔުނިވަރސިޓީން ތައްޔާރުވަމުންދާކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.