ޚަބަރު

ކުރިއަށް އޮތް ހަފްތާތެރޭގައި ފުޅަދޫ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ފެށޭނެ


ބ.ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން އެއްގަމު ތޮށިލުމަށް މޫދުގައި ބަހައްޓާ ގާތައް އަތުރާ ނިމިފައިިވާކަމަށާއި، އަންނަ ހަފްތާ ތެރޭގައި އެއްގަމު ތޮށީގައި ކޮންކްރީޓް އަޅަން ފެށޭވަރުވާނެ ކަމަށް ފުޅަދޫ ކައުންސިލުން ބުނެފިއެވެ.

މަސައްކަތުގެ ކޮންޓެކްޓަރއާ ހަވާލާދީ ފުޅަދޫ ކައުންސިލުން ބުނީ ބަނދަރު ހެދުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި އެމްޓީސީސީން ކުރިއަށްގެންދާކަމަށާއި، އެކަމާ ރައްޔިތުން އުފާކުރާކަމަށެވެ. އަދި ރައްޔިތުން ތިބީ ބަނދަރު ނިމޭނެ ދުވަހެއްގެ އިންތިޒާރުގައިކަމަށް ފުޅަދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަލީ އަޒްހަރު ވިދާޅުވިއެވެ.

ފުޅަދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އެރަށަށް ވަދެ ނުކުމެވޭ ގޮތަށް ކަނޑުން ނެރު ކަނޑައި، ފަޅުފުންކުރުމުގެ މަސައްކަތް ނިމިފައިވާއިރު ބޭރު ތޮށިލުމަށް ބޭނުންވާ ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީން ބުނެއެވެ. އަދި މުޅި މަސައްކަތުގެ 70 އިންސައްތަ މިހާރު ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ބ.ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ނެރުބައްތި އާއި މަގުބައްތި ހަރުކުރުމާ ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ. މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، 48.2 މިލިއަން ރުފިޔާއަށެވެ.