ޚަބަރު

ކޯވިޑް-19 ދިފާޢު : އެންމެންނަށް އެސްޓްރަޒެނެކާ ވެކްސިން ދޭން ޑަބްލިޔު.އެޗް.އޯއިން ލަފާ ދީފި


ކޮވިޑް-19އިން ދިފާޢުވުމަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން އޮކްސްފޯޑު، އެސްޓްރަޒެނެކާ ވެކްސިން ޢުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ލަފާ ދީފިއެވެ.

ޑަބްލިއުއެޗްއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އެސްޓްރަޒެނެކާ ވެކްސިން ދިނުން ރަނގަޅީ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ. އެންމެ ރަނގަޅީ، ވެލްސިންގެ ފުރަތަމަ ޑޯޒް ދިނުމަށްފަހު 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތެއްގައި ދެވަނަ ޑޯޒް ދިނުންކަމަށެވެ.

ޑަބްލިިއުއެޗްއޯގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން ޖެހުމަށް ލަފާދީފައިވާއިރު، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް މިވެކްސިން ނުދޭން އޮތީ ނިންމާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިޔުއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕުގެ ޗެއާ އަލެޚަންދްރޯ ކްރަވިއޯތޯ ވިދާޅުވެފައިވަނީ ޢުމުރުން 18 އަހަރުން މަތީގެ އެންމެންނަށްވެސް މިވެކްސިން ޖެހިދާނެކަމަށާ، 65 އަހަރުންމަތީގެ މީހުންނަށް ވެކްސިން ދިނުމައި މައްސަލައެއް އޮތްކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މިވެކްސިން މިހާރުވެސް އަންނަނީ ޖަހަމުންނެނެވެ. ޑަބްލިއުއެޗްއޯއިން، ޖެހުމުގެ ލަފާދިން ވެކްސިންގެ ތެރޭގައި ރާއްޖޭގައި މިހާރު ޖަހަމުންދާ ކޮވިޝީލްޑް ވެކްސިން ހިމެނެއެވެ. ކޮވިޝީލްޑްއަކީވެސް އޮކްސްފޯޑް، އެސްޓްރާޒެނެކާ ވެކްސިނެކެވެ. މިވެކްސިން އުފައްދާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ކުންފުނި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ. މިއީވެސް އެސްޓްރަޒެނެކާ ވެކްސިނެއްނަމަވެސް މިވެކްސިނަށް ކުރުކޮށް ކިޔައި އުޅެނީ ކޮވިޝީލްޑް ވެކްސިނެވެ. ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު މިމަހުގެ ފުރަތަމަ ދުވަހުއެވެ.