ވިޔަފާރި

ވިޒިޓް މޯލްޑިވްސްއިން އޭވިއާރެޕްސް ވާރޗުއަލް އިވެންޓުގައި ބައިވެރިވެއްޖެެ


ވިޒިޓް މޯލްޑިވްސްއިން އޭވިއާރެޕްސް ވާރޗުއަލް އިވެންޓުގައި ބައިވެރިވެއްޖެެއެވެ.

2 ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ އޭވިއާރެޕްސް ވާރޗުއަލްއަކީ ޖަރުމަންވިލާތް، ސުވިޓްޒަރލެންޑް އަދި އޮސްޓްރިއާގެ ބީޓުބީ ޓްރެވަލް ޓްރޭޑާއި ބައްދަލުކޮށްލަން ލިބޭ ފުރުޞަތެއްކަމަށް އެމްްއެމްޕީއާރުސީން ބުނެއެވެ. މި އިވެންޓުގެ ތެރެއިން ޖަރުމަންވިލާތުގެ ޓުއާ އޮޕަރޭޓަރުންނާއި އެއަރލައިންސް، ޝިޕިންގ ކުންފުނި، 12 ގްލޯބަލް ޑެސްޓިނޭޝަން އަދި ދުނިޔޭގެ އެހެނިހެން ފަތުރުވެރިކަމުގެ ސިނާއަތުގެ އެތަކެއް ޕާޓްނަރުންނާއި ބައްދަލުވުމުގެ ފުރުޞަތު ލިބިގެންދިޔަކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މިޕްލެޓްފޯމްގައި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތައް ޝަޢުޤުވެރިކަން އުފެއްދުމަށްޓަކައި ޚާއްސަ އެވެޓާއެއްގެ ޒަރިއްޔާއިން ވާހަކަދައްކައި ތަފާތު އެހެނިހެން ހަރަކާތްތައް ކުރިއަށްގެންދިޔައެވެ.

ވިޒިޓް މޯލްޑިވްސްއިން މި އިވެންޓުގައި ބައިވެރިވެ އެކި ޓްރެވަލް ޓްރޭޑް ކުންފުނިތަކާއި ބައްދަލުކޮށް ކޯވިޑްއިން ރައްކާތެރިވުމަށްޓަކައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ދިވެހިރާއްޖެ ގުދުރަރީގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމުގެ ސަބަބުން ދިވެހިރާއްޖެ އަކީ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި އަދި ހިތްޤާޢިމު މަންޒިލަށް ވާ ސަބަބުވެސް ވަނީ ބުނެދީފައެވެ. މިގޮތުން އިވެންޓުގައި ދިވެހިރާއްޖެ އިޝްތިހާރުކޮށްފައިވަނީ "ސޭފް ހޭވަން" އެއްގެ ގޮތުގައިކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

2021 ވަނަ އަހަރަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ޖަރުމަންވިލާތުގެ މާކެޓުތަކަށް ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކައި އެތަކެއް ހަރަކާތްތަކެއް ރާވާފައެވެ. މީގެ ތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި އެއަރލައިންތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖޮއިންޓް ޕްރޮމޯޝަންތަކާއި ޑިޖިޓަލް މީޑިއާ ކެމްޕެއިން އަދި ވިޒިބިލިޓީ ކެމްޕޭންތައް ހިމެނެއެވެ.