އައްޑޫސިޓީގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން ރޭގަނޑު އަށަކުން ފަތިހު 4:30އަށް ކާފިއު ހިންގަން ނިންމައިފިއެވެ.
އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮޕް ޕަބްލިކް ހެތްލް މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވަނީ މިމަހުގެ 10ވަނަ ދުވަހުން 7 ދުވަހުގެ މުއްދަތަކަށް ކޯވިޑް ކޮންޓްރޯލްކުރުމަށް އައްޑޫސިޓީގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވަނީ ނިންމާފައެވެ.
މިގޮތުން އައްޑޫސިޓީގައި ރޭގަނޑު 8:00އިން ފެށިގެން ފަތިހު 4:30އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް މިވަގުތުތަކުގައި ސިފައިންނާއި ފުލުހުންގެ އިތުރުުން ސިއްޙީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފެއްގެ ދުއްވާ އުޅަނަދު މިވަގުތުތަކުގައި އިސްތިސްނާވެއެވެ. އަދި އެމްބިއުލާންސްއާއި އައްޑޫ ޓާސްކްފޯހުގެ ފާސްލިބިފައިވާ ފަރާތްތަކާއި އެމަޖެންސީކޮށް ޚިދުމަތް ހޯދާފަރާތްތައްވެސް މިފިޔަވަޅުތަކުން އިސްތިސްނާވެއެވެ.
އައްޑޫސިޓީގައި ވަރުގަދަ ކުރި ފިޔަވަޅުތަކުގެ ތެރޭގައި އެއް އަވަށުން އަނެއް އަވަށަށް ދިޔުމާއި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ޔުނިވާސިޓީ، ކޮލެޖް އަދި ސްކޫލަތަކުގެ ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިޔުމާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާވާނެކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަލާފައެވެ.
އެޗްޕީއެއިން ވިދާޅުވީ އައްޑޫ ސިޓީގައި ސެލޫން ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރަން ޖެހޭނެކަށާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތަކާއި ހިންގުން ހުއްޓާލަން ވާނެކަމަށެވެ. އަދި ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ފިހާރަތާކާއި ބޭންކުތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށްވެސް ވަނީ އަންގާފައެވެ.
ކޯވިޑް ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީ އޮތީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މޮނީޓަރިން ހާލަތަށް ގެނެސް އަރާ ފޭބުން ވަގުތީ ގޮތުން މަނާކުރިއެވެ. އައްޑޫސިޓީން މިހާތަށް 40 އަށްވުރެ ގިނަ މީހުންނަށް ވަނީ ކޯވިޑް ޖެހިފައެވެ.