ވިޔަފާރި

ހުޅުމާލެ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރަނީ


ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން މިގޮޅިތައް ކުއްޔަށް ނެގުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޗްޑީސީން ބުނެފައިވަނީ ރަށު މާރުކޭޓުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 8 ގޮޅި ކަމަށެވެ. އެގޮތުން ގޮޅިތައް ދޫކުރާ ވިޔަފާރީގެ ބާވައްތައްވެސް އެފަރާތުން ވަނީ ހާމަކޮށްފައެވެ.

އެކުންފުނިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމުގެ ބާވައްތަކާއި އަދި މަސްވެރިކަމަށް ބޭނުންކުރާ ތަކެތި އަދި މަސްވެރިކަމާއި ގުޅުންހުރި ތަކެތި ވިއްކުމަށް ކޮންމެ ބާވަތަކަށް ދެ ގޮޅި ދޫކުރާނެ ކަމަށެވެ. މީގެ އިތުރުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ކާންދޭ ތަކެއްޗާ ގުޅުން ހުރި ތަކެތި ވިއްކާ ވިޔާފާރިތަކާއި، ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ބާވައްތައް ވިއްކާ ވިޔަފާރިތަކުގެ އިތުރުން ޖޫސްޖޮއިންޓް ހިންގުން އަދި ކިއޮސްކް ހިންގުމަށް، ކޮންމެ ބާވަތަކަށް ގޮޅިއެއް ދޫކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެޗްޑީސީން ބުނީ މިއިން ކޮންމެ ގޮޅިއެއްގެ ބޮޑު މިނަކީ 69.45 އަކަފޫޓު ކަމަށެވެ. މީގެ އިތުރުން ގޮޅި ކުއްޔަށް ހިފުމަށް ހޮވޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި 10500 ރުފިޔާ ދައްކަން ޖެހޭނެކަމަށެވެ. މިއިން ކޮންމެ ގޮޅިއެއް ދޫކުރުމަށް ހަމަޖެހިފައިވަނީ 3500 ރުފިޔާ އަށެވެ. އަދި ކުއްޔަށް ދޫކުރަނީ 3 އަހަރުގެ މުއްދަތަށެވެ.

އެޗްޑީސީން ބުނީ ގޮޅިތަކަށް ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް ބަލައިގަތުން މާރިޗު 7 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުރަވީ ސްކޫލުގައި އޮންނާނެ ކަމަށެވެ.