ޚަބަރު

މަސްތުވާތަކެތީގެ ބޮޑެއްކަމަށް ތުހުމަތުކުރާ ވިސާމް ދޫކޮށްލި ޢަމުރު ބާޠިލްކޮށްފި


ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރާ އަޙްމަދު ވިސާމް ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ކުރި އަމުރު ހައިކޯޓުން މިއަދު ބާޠިލުކޮށްފިއެވެ.

"އިރުއަލިމަސް" ނަމަކަށް ކިޔާ ދޯންޏެއްގައި ބަރުދަނުގައި ގާތްގަނޑަކަށް 61 ކިލޯ ހުރި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި މއ. ބޮއިލިންގފިޝް، އަޙްމަދު ވިސާމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުކުރީ މިިދިޔަމަހުގެ 24 ވަނަ ދުވަހުއެވެ. އެ ނިންމުން ހައިކޯޓްގައި އިސްތިއުނާފްކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ވަނީ ވިސާމް ދޫކޮށްލުމަށް ނެރުނު އަމުރު ބާތިލުކޮށްފައެވެ.

61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ވިސާމްގެ އިތުރުން 11 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ އުފުލާފައިވެއެވެ. އެމީހުންގެ ތެރެއިން ވިސާމް ފިޔަވައި ދެންތިބި މީހުން ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. ވިސާމްއަކީ މި ނެޓްވޯކްގެ އެންމެ އިސް ފަރާތްކަމަށާއި، މި ކުށުގެ ޢަމަލު ހިންގުމުގައިވެސް އެންމެ އިސްކޮށްހުރީ ވިސާމްކަމަށް އިންޓެލިޖެންސްއަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ވިސާމް ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ނެރެފައިވާ އަމުރު ރިވިއުކުރަން ގެންދިއުމުންނެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ނެރުއްވި އަމުރުގައި ވަނީ ކަރެކްޝަނަލް ސާވިސްގެ ފަރާތުން އޭނާއަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދީފައިނުވާ ކަމަށެވެ.