ޚަބަރު

149 ކިލޯ ޑްރަގު މައްސަލަ: ފުލުހުންވަނީ ޤާނޫނާ ޚިލާފަށް ބޮޑެތި ގޯސްތަކެއް ހަދާފައި


ގދ.ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިޖުރާތްތަކާއި ޚިލާފް އަދި ޤާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ ގިނަ ކަންތައްތަކާއި ފުލުހުން ޚިލާފް ވެފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ގދ.ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ 2019ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ގދ.ގައްދޫ ކޯޓުގައި ދައުވާ އުފުލީ އެމައްސަލައިގައި ހައްޔަރުކުރި 5 މީހެއްގެ މައްޗަށެވެ. މީގެތެރެއިން 4 މީހެއްގެ މައްޗަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އަނެއް މީހާގެ މައްޗަށް އުފުލާފައިވަނީ އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ މިމައްސަލަޔަކީ ޕީޖީ މަޤާމާއި ހަވާލުވުމުގެ ކުރިން ހިނގާފައިވާ މައްސަލައެއްކަމަށެވެ. ޕީޖީވަނީ ކޮމިޓީގައި މިމައްސަލާގައި ފުލުހުން އެންމެ ފުރަތަމަ ވަގުތުން ފެށިގެން އަމަލުކޮށްފައިވާ ގޮތް ހިއްސާ ކުރައްވާފައެވެ. ޕީޖީ ވިދާޅުވީ ފުލުހުން މިކަމުގައި ޝާމިލުވާ މީހުންނާއިއެކު ގައްދޫއަށް ގޮސް އެރަށުގެ ގޭގެއަށް ވަދެ މީހުން ހައްޔަރު ކުރުމާއި ހައްޔަރަށް ނުވާ ގޮތުން މީހުން ބަންދު ކުރެވޭނެ މުއްދަތަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާ އަދި ހައްޔަރު ކުރުމަށް ފަހު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ގިނަ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާކަމަށެވެ.

ޕީޖީ ވިދާޅުވީ މިމައްސަލައަކީ ތަހުގީގު ފުރިހަމަ ވެފައިވާ މައްސަލައެއްކަމަށް ޤަބޫލު ކުރައްވާކަމަށެވެ. މިމައްސަލާގައި ފުރިހަމަ ނުވަނީ ބަޔާނުގައި ދެ މީހެއްގެ ސޮއި ނުކުރެވި އޮތުމުންކަމަށާއި، އެކަން ވެފައިވަނީ ވަކީލޫން ބިޒީވެގެން ކަމަށެވެ. މިމައްސަލަޔަކީ ބާ ކައުންސިލުން ބަލަންޖެހޭ މައްސަލައެއްކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި މިމައްސަލައިގެ ތަހުގީގް ނިންމައި މިމައްސަލަ ހުށަހެޅިފައިވަނީވެސް އިހުތިޞާޞުވެސް ހިނގާ ކޯޓަކަށް ކަމަށާއި އަދި މައްސަލް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައިކަމަށެވެ.

149 ކިލޯގެ މައްސަލާގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ހަދާފައި ހުރި ބޮޑެތި ގޯސްތަކުގެ ސަބަބުން ދައުވާ ނުކުރަން ޕީޖީ އޮފީހުން ކުރިން ވިސްނުން ގެންގުޅުނުކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އޭރު އެ ދައުވާކުރީ މުޖްތަމައުގެ އާންމު މަސްލަހަތަށް ރިއާޔަތްކޮށް، ކުރީގެ ޕީޖީ ބިޝާމްގެ ނިންމެވުމަކުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ އުފުލާފައިވަނީ ގދ.ގައްދޫ އެދުރުގެ އުމުރުން 25 އަހަރުގެ ޔާމިހް ޚާލިދާއި ހަމަ އެގޭ އުމުރުން 42 އަހަރުގެ އަހްމަދު ހަލީމާއި ގއ.ކޮނޑޭ ރޮމޭންސް އުމުރުން 35 އަހަރުގެ ޝަފީޒު މުހައްމަދާއި ގއ.ނިލަންދޫ އުމުރުން 35 އަހަރުގެ އަލީ ޝާކިރާއި ގއ.ކޮނޑޭ ގަހާކޯޅި އުމުރުން 34 އަހަރުގެ އަހްމަދު އަނިލްގެ މައްޗަށެވެ. ކޯޓުން މި މައްސަލަ ބޭރުކޮށްލުމުން މި އެންމެންވެސް ވަނީ މިނިވަންވެފައެވެ.

ފަޅު ރަށުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި ކެނެބިސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.