ޚަބަރު

ފުލުހުންގެ ބޯޑަށް ޢާންމުންގެ ތެރެއިން ކުރިމަތިލުމަށް ހުޅުވާލައިފި


ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާ ބޯޑުގެ މެންބަރުކަމަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ ދެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުލުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ޢާންމުންގެ ތެރެއިން ފުލުހުންގެ ބޯޑަށް އައްޔަންކުރަންޖެހޭ ދެ މެންބަރުން ކަނޑައެޅުއްވުމުގައި ޕްރޮފެޝަނަލް، ފަންނީ، އަދި ތަރައްޤީއާއި ދިވެހިންގެ މަސްލަހަތަށް އިސްކަންދެއްވާ ފަރާތްތަކަށް ބައްލަވާނެ ކަމަށެވެ. ފުލުހުންގެ ބޯޑަށް ކުރިމަތިލުމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ކުރިން ލިޔެކިއުންތައް ފުރިހަމަކޮށް މަޖިލީހުގެ އިދާރާއަށް ހުށައެޅުމަށް މަޖިލީހުގެ ރައީސްވަނީ އެދިވަޑައިގެންފައެވެ.

މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައިވަނީ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައެވެ. އެ ޤާނޫނުގައި ވަނީ، ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެކަމަށެވެ.

"ޕޮލިސް ބޯޑު"ގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.