ދުނިޔޭގެ ވިޔަފާރި

ބައިޑަންގެ ސާޓިފިކޭޝަނާއި ދެކޮޅު ހެދި މެންބަރުންނަށް މައިކްރޯސޮފްޓުން އެހީ ދިނުން ހުއްޓާލައިފި


މައިކްރޯސޮފްޓްގެ ފަރާތުން ސިޔާސީ ޕާޓީތަކާއި ފަރާތްތަކަށް ދޫކުރާ މާލީ އެހީތެރިކަން މިދިޔަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ޖޯ ބައިޑަންކަމަށް ސާޓިފައިކުރުމަށް ދެކޮޅު ހަދާފައިވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ދޫނުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މައިކްރޯސޮފްޓުން ބުނީ އެ ކުންފުނީގެ ޕޮލިޓިކަލް އެކްޝަން ކޮމިޓީ، ޕީއޭސީއިން ދޫކުރަމުންދިޔަ މާލީ އެހީތެރިކަން އެފަދަ ފަރާތްތަކަށް 2022 ވަނަ އަހަރުގެ ނިޔަލަށް ދޫނުކުރާނެކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއަށް ދެކޮޅުހެދުމަށް ތާއީދުކޮށްފައިވާ، އަދި އިންތިޚާބުގެ ނަތީޖާ ބާޠިލްކުރަންޖެހޭކަމަށް ބުނެފައިވާ ސަރުކާރުގެ ހުރިހާ އިސްވެރިންނާއި ޖަމާޢަތްތަކަށްވެސް އެހީތެރިކަން ފޯރުކޮށް ނުދޭނެކަމަށް މައިކްރޯސޮފްޓުން ބުންޏެވެ.

މައިކްރޯސޮފްޓުން ބުނީ އެމެރިކާގައި ޑިމޮކްރަސީ ކުރިއެރުވުމަށް މަސައްކަތްކުރާ ހުރިހާ ވިޔަފާރިތަކާއި ޖަމުޢިއްޔާތަކާއިއެކު މައިކްރޯސޮފްޓުން ބައިވެރިވާނެކަމަށެވެ. އެމެރިކާގައި ފަހުގެ ދުވަސްތަކުގައި ހިންގާފައިވާ ހާދިޘާތަކުން ޕީއޭސީތަކުގެ މުހިންމުކަން ފާޅުވެފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގައި މައިކްރޯސޮފްޓުގެ މުވައްޒަފުންނާއި މުހާތަބުކުރައްވާ ވާހަކަދައްކަވަމުން އެ ކުންފުނީގެ ރައީސް ބްރެޑް ސްމިތު ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ޕީއޯސީއިން ދޫކޮށްފައިވާ ފައިސާގެ އެހީގެ 20 އިންސައްތަ ގޮސްފައިވަނީ އިލެކްޓޯރަލް ކޮލެޖުގައި ބައިޑަންއާއި ދެކޮޅަށް ވޯޓު ދެއްވާފައިވާ ފަރާތްތަކަށްކަމަށެވެ.

ސްމިތު ވިދާޅުވީ ޕީއޭސީތައް މުހިންމު ވަނީ އެ ކޮމިޓީތަކުން ދޭ ފައިސާގެ އެހީތެރިކަމުގެ ޢަދަދު ބޮޑުވުމުން ނޫންކަމަށާއި، އެ ކޮމިޓީތައް މުހިންމުވަނީ ސިޔާސީ މަރުހަލާ މަސައްކަތްކުރާ ގޮތުގެ ސަބަބުންކަމަށެވެ. އެމެރިކާގެ ސިޔާސީ ދާއިރާގައި ޙާރަކާތްތެރިވާ ފަރާތްތަކަކީ އެކި އިވެންޓުތަކާއި ރިޓްރީޓުތައް އިންތިޒާމްކޮށް ބާއްވާ ފަރާތެއްކަމަށާއި، މާލީ އެހީތެރިކަން ދޭ ފަރާތްތަކަށް އެފަދަ އިވެންޓުތަކުގައި ބައިވެރިވުމަށް ދަޢުވަތު ލިބި އެ ޙަރަކާތްތަކުގައި ބައިވެރިވެވޭކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި ގުޅުމެއް އުފެދި އެ ގުޅުން އިތުރަށް ވަރުގަދަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެ ފަރާތަށްވެސް އޭގެ މަންފާކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ބޮޑެތި އެތައް ކުންފުންޏެއްގެ ޕީއޭސީތަކުން ބައިޑަންގެ ސާޓިފިކޭޝަނާއި ދެކޮޅަށް ވޯޓުދިން ޤާނޫނުހަދާ މަޖިލީހުގެ 144 ރިޕަބްލިކަން މެންބަރުންނަށް ދެމުންދިޔަ މާލީ އެހީތެރިކަން ވަނީ މެދުކަނޑާލައިފައެވެ. އޭގެ ތެރޭގައި ވޯލްމާޓާއި މެރިއޮޓާއި އޭޓީއެންޓީއާއި އެމޭޒޮން ޑޮޓްކޮމުގެ އިތުރުން ކޮމްކާސްޓާއި އެމެރިކަން އެކްސްޕްރެސްވެސް ހިމެނެއެވެ. އޭގެ އިތުރުން އަލްފަބެޓް އިންކުގެ ގޫގުލްއާއި ޖެނެރަލް އިލެކްޓްރިކް ކޯގެ ޕީއޭސީއިން ވަނީ ބައިޑަންގެ ސާޓިފިކޭޝަނާއި ދެކޮޅަށް ވޯޓުދިން މެންބަރުންނަށް ހަ އަހަރު ދުވަހުގެ މުއްދަތަށް އެހީ ނުދޭނެކަމަށް ބުނެފައެވެ.