ތަރައްްޤީ

އައިއެސްއޯ ސަރޓިފިކޭޝަނާއެކު ސްޓެލްކޯ އަނެއްކާވެސް ތާރީޚުގެ ތެރެއަށް


އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، ސަރޓިފިކޭޝަން ސްޓެލްކޯއިން ހާސިލްކޮށްފިއެވެ.

އައި.އެސް.އޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ، ރަނގަޅު އަދި އެއް ފެންވަރެއްގައި ހިފެހެއްޓިފައިވާ ޙިދުމަތްތަކެއްތޯ ބަލާނެގޮތް ކަނޑައެޅުމުގެގޮތުން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކެކެވެ. އައިއެސްއޯ ސްޓެންޑެޑަށް ސަރޓިފައިކޮށްދެނީ އެ ކުންފުންޏަކީ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ފުރިހަމަވާންޖެހޭ ހުރިހާ މިންގަނޑަކަށް ތަބާވެ، އެ މިންގަނޑުތަކަށް އަމަލު ކުރަމުންދާކަން ޔަގީންކޮށްދެވޭ ކުންފުންޏަކަށް ވުމުންނެވެ.

ސްޓެލްކޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ ދަށުން ކަރަންޓު އުފެއްދުމާއި، ކަރަންޓު ފޯރުކޮށްދިނުމުގެ ޙިދުމަތާއި، ކަރަންޓުގެ ޙިދުމަތް ދިނުމަށް ހިންގާ ޕްރޮޖެކްޓްތަކާއި، ފެން އުފެއްދުމާއި، ފުޅީގައި ފެން ބަންދުކުރުމާއި، ނަރުދަމާއާއި، ސްޓެލްކޯ ސޭލްސް ސެންޓަރުން ފޯރުކޮށްދޭ ޙިދުމަތްތަކާއި، ސޯލާ ޕެނަލް ހަރުކުރުމާއި، ވިއްކުން ވަނީ އައިއެސްއޯގެ 9001:2015 މިންގަނޑަށް ސަރޓިފައިކޮށްދީފައެވެ. މިއާއެކު ސްޓެލްކޯވެފައިވަނީ މި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން މުޅި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި، ޕްރޮސެސްތައް އަދި ޙިދުމަތްތައް ސަރޓިފައިވި ފުރަތަމަ ދިވެހި ކުންފުންޏަށެވެ. މި ސިސްޓަމަށް ސްޓެލްކޯ ސަރޓިފައިކޮށްދީފައިވަނީ އިނގިރޭސިވިލާތުގެ އައިއެސްއޯ ކުއަލިޓީ ސާވިސަސް ލިމިޓެޑުންނެވެ. މިއީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑެޑްކަން ފާހަގަކޮށްލެވެއެވެ.

އައިއެސްއޯ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސްޓެލްކޯ ސަރޓިފައިވުމާއި ގުޅިގެން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ކުންފުނީގެ ހިންގުމުގެ ފެންވަރު އައިއެސްއޯ ސްޓޭންޑެޑަށް ގެނެވުމަކީ ހާސިލް ކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެކަމުން ދޭހަވަނީ ސްޓެލްކޯގެ ހިންގުން ހަރުދަނާކުރެވި، ރައްޔިތުންނަށް ދެމުންގެންދާ ޙިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރަށް ގެންދެވިފައިވުން ކަމަށެވެ. މި ފެންވަރަށް ކުންފުނި ގެންދެވިފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށާއި، އެ މަސައްކަތްތައް ފާހަގަކޮށް ކުންފުނީގެ އެންމެހާ ހީވާގި މުވައްޒަފުންނަށް މުޣުނީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރައްޔިތުންނަށް ދެމުންގެންދާ ޙިދުމަތްތައް މިއަށްވުރެވެސް ފުރިހަމަކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަގީންކަންވެސް މުޣުނީ ވަނީ ދެއްވާފައެވެ.

"ވަރަށް ބޮޑު ކާމިޔާބީއެއް އަޅުގަނޑުމެން މި ހޯދީ. ޙާއްސަކޮށް، މުޅި ކުންފުނީގެ ހުރިހާކަމެއް، ކުންފުނީގެ އެތެރޭގައި ގެންގުޅޭ އުސޫލުތަކާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގެންގުޅޭ މިންގަނޑުތަކާއި، އަދި މިނޫނަސް މުޅި ކުންފުނި އެކީ އެކައްޗަކަށް މުޅި ދުނިޔެ ބަލައިގަންނަ ބައިނަލްއަގުވާމީ ސްޓެންޑެޑަކަށް ގެންދެވުމަކީ އަޅުގަނޑުމެން އެންމެން ފަހުރުވެރިވާންޖެހޭ ވަރުގެ ބޮޑު ކާމިޔާބީއެއް" މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯ އައިއެސްއޯ ސްޓެންޑެޑަށް ސަރޓިފައި ކުރެވިފައިވާއިރު، އެކުންފުނިން ވަނީ ފާއިތުވެދިޔަ ދެއަހަރުތެރޭ ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއްވެސް ހޯދާފައެވެ. އެގޮތުން 2019 ވަނަ އަހަރު ސީޖީ އެފޯޓްސް އެވޯޑާއި، ޕަބްލިކް އެންޓަޕްރައިޒް އޮފް ދި އިޔަރގެ އެވޯޑް ލިބިފައިވާއިރު، 2020 ވަނަ އަހަރު ބައިނަލް އަގުވާމީ ދެ އެވޯޑް ކަމަށްވާ، އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ ޑުރީމް ކޮމްޕެނީސް ޓު ވޯކްފޯއާއި، ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްވެސް ސްޓެލްކޯއަށް ވަނީ ލިބިފައެވެ.