ޚަބަރު

ބިމުގެ އަގު އަގުކަނޑައެޅުމުގެ ބާރު ސަރުކާރަށް ދޭން ހުށަހަޅައިފި


ގޯތި
ނުވަތަ ބިން ވިއްކޭނެ އަގުތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބޭ
ގޮތަށް ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށައަޅުއްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިބިލުގެ ފުރަތަމަ ކިއުން އިއްވާފައިވާއިރު، މިބިލަކީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އިސްލާހެކެވެ. ބިމާ ބެހޭ ގާނޫނު
މިހާރު އޮންނަ ގޮތުން ބިން ވިއްކޭނެ އަގުތަކާއި އުސޫލު ކަނޑައެޅުމުގެ ބާރެއް
ސަރުކާރަކަށް ނޯވެއެވެ.މިހާރު ގާނޫނު ބުނާގޮތުން ބިން ވިއްކައިގެން ދައުލަތަށް ޓެކްސްގެ
ގޮތުގައި 15 އިންސައްތަ ދައްކަންޖެހެއެވެ. ނަމަވެސް ދައުލަތަށް ދައްކަންޖެހޭ ޓެކްސްއަށް
މަކަރު ހެދުމުގެ ފުރުސަތު ގާނޫނުގައި ހުޅުވިފައި އޮންނާތީ އެކަމުގެ ކަންބޮޑުވުން
ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ވެސް ވަނީ ފާޅުކޮށްފައެވެ. 

 ބިމާއި ބެހޭ ގާނޫނަށް
ޖައުފަރު ދާއޫދު ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ، ނުއަގުގައި ގޯތި އަދި
ބިން ވިއްކުމުގެ މުއާމަލާތްތައްކޮށް، އަދި އޭގެ ސަބަބުން މިފަދަ މުއާމަލާތްތަކުން
ސަރުކާރަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ދަށްވެގެން ދިއުމުން ދައުލަތުގެ އާމްދަނީއަށް
ނޭދެވޭ އަސަރު ކުރަމުންދާކަމަށެވެ.  އެހެންކަމުން އެކަން ހައްލު ކުރުމަކީ މިއިސްލާހުގެ
ހުށައެޅުމުގެ ބޭނުމެއް ކަމަށްކަމުގައި ބުނެފައިވޭ. މީގެ އިތުރުން، މިހާރު ޤާނޫނު
އޮތް ގޮތުން ބިމާ ވަކިން އެއްމެދު އިމާރާތްތައް ވިއްކުމުގެ މުޢާމަލާތްތަކުން
ޓެކްސް ނުނެގޭތީ، އެކަން ޙައްލުކުރުމަށާއި، ބަންޑާރަގޯތި
ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ސަރުކާރުގެ ފަރާތުން ވިއްކުމަށް
މަގުފަހިކުރުންވެސް މިއިސްލާހު ހުށައެޅުމުގެ މަޤްޞަދުގައި ބުނެފައިވެއެވެ. 



މާލޭގެ ބިމުގެ އަގު މިހާރު ހުރި ގޮތުން އަކަފޫޓެއް އުޅެނީ ހަހާސް
ރުފިޔާއާއިި އަށްހާސް ރުފިޔާއާއި ދެމެދުގައެވެ. ނަމަވެސް މާލޭގެ ގެއެއް  ދާދި ފަހުން ވަނީ ރުފިޔާއަކަށް ވިއްކާލާފައެވެ.