ވެކްސިން ޖެހުމަށް އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ކޯވިޑް19ގެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މިހާތަނަށް މި ވެކްސިން މާލޭގެ 6 ސެންޓަރަކާ އަތޮޅުތަކުގެ 7 ސެންޓަރެއްގައި ވަނީ ދޭން ފަށާފައެވެ.
ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ އަދަދުވަނީ 4000 އިން މައްޗަށް އަރާފައެވެ. ކޯވިޑް19ބަލީގެ ފަރުވާއާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތްކުރާ މީހުންނާއި އަދި ބައްޔަށް ހުށައެޅެން ފަސޭހަ ވަޒީފާގެ މާޙައުލުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ވަނީ ވެކްސިން ދޭން ފަށާފައެވެ. މިހާރު ވަނީ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ކޯވިޑް ދިފާއު ވެކްސިން ދިނުމުގެ ޕްރޮގްރާމްވެސް ފަށާފައެވެ.
އެޗްޕީއޭއިން ވިދާޅުވީ ވެކްސިން ޖެހުމުގައި އާއްމުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށެވެ. އަދި މިކަމަށްޓަކައި އެ އެޖެންސީއިން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ. ނަމަވެސް ވެކްސިން ޖަހަންދާ މީހުން އިތުރަށް ސަމާލްކަންދޭންވީ ކަންކަން އެޗްޕީއޭއިން ވަނީ ޙިއްސާކުރައްވާފައެވެ.
? ކޯވީޑް -19 ވެކްސިން ޕްރޮގުރާމަށް ތިޔަ ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން. ނަމަވެސް ސޯޝަލް ސެންޓަރުގައި ކިޔޫ ދިގުވެ މީހުން ގިނަވަމުންދާތީ މިއަދު ވެކްސިން ޖަހަން ރާވަމުންދާ ފަރާތްތައް މާދަމާގެ ވަގުތަކަށް ބަދަލުކޮށްލުމަށް އިލްތިމާސްކުރަން.
— Health Protection Agency (@HPA_MV) February 6, 2021
އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަންދާ މަރުކަޒުގައި މީހުން ތޮއްޖެހޭގޮތަށް ޢަމަލު ނުކުރުމަށް އެދިފައެވެ. އެގޮތުން ސެންޓަރުގައި މީހުން ގިނަ ނަމަ ޖެހިގެން އަންނަ ދުވަހަށް މަޑުކޮށްލުމަށްވަނީ އަންގާފައެވެ. މިގޮތަށް އަންގާފައިވަނީ އާއްމުންގެ ރައްކާތެރިކަމަށެވެ. އަދި ވެކްސިން ޖެހުމަށްފަހު އެއްވެސް އިތުރު އަލާމާތެއް ފެނޭތޯ ބެލުމަށް ސެންޓަރުގައި 30 މިނެޓު މަޑުކުރުމަށްވެސް އެޗްޕީއޭއިންވަނީ އިރުޝާދު ދީފައެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން މިހާތަނަށް 4269 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެއިން 3573މީހުން އަދި އަތޮޅުތަކުން 696 މީހުންނެވެ. ހުރިހާ ފަރާތަކުންވެސް ވީހާވެސް އަވަހަށް ވެކްސިން ރެޖިސްޓްރީ ޕޯޓަލްގައި ރެޖިސްޓްރީވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.