ޚަބަރު

ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން މަރުހޫމް ފަތުޙުﷲ ޖަމީލްގެ ނަމަށް


ރާއްޖޭގެ ޚާރިޖީ ވުޒާރާގެ އިމާރާތް މަރާމާތުކޮށް ނިންމައި، އޮފީހުގެ ނަން ރާއްޖޭގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޚާރިޖީ ވަޒީރުކަން ކުރެއްވި މަރުހޫމް ފަތުޙުﷲ ޖަމީލުގެ ނަމުން ނަން ދީފިއެވެ. މަރުހޫމް ފަތުހުﷲ ޖަމީލަކީ ރާއްޖެއާއި ބޭރުގެ ޤައުމުތަކާއި އޮންނަ ގުޅުން ހަރުދަނާކޮށް، ޚާރިޖީކަންކަން ވަރުގަދަ ކުރެއްވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތަކީ މާލޭގެ މަލަމަތިން ފެންނަ އެންމެރީތި އެއް އިމާރާތެވެ. ރާއްޖެއާއި ބޭރުގެ ޤައުމުތަކާއި އޮންނަ ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމަށް ރާއްޖޭގެ ޚާރިއްޖާގެ އޮފީހަކީ މުހިންމު ދައުރެއް އަދާކުރާއޮފީހެކެވެ. ފޮރިން މިނިސްޓްރީގެ އިމާރާތުގެ ގޮތުގައި ބޭނުންކުރަމުންދާ އިމާރާތުގެ ބޮޑު މަރާމާތެއް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

އިމާރާތުގެ އާބާތުރަ ފިލުވައި، ޒީނަތްތެރި ކުރުމުގެ މަސައްކަތް ލަސްވެފަފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ދިމާވި ކަންތަކާއި ގުޅިގެންނެވެ. ނަމަވެސް މިހާރު އިމާރާތުގެ މަސައްކަތް ނިމި އަލުން މިނިސްޓްރީގެ ޚިދުމަތް އެއިމާރާތުން ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ޚާރިއްޖިއްޔާއަކީ ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ރާއްޖެ ރަމްޒުކޮށްދޭ އެންމެ މުހިންމު އެއް މުއައްސަސާއެވެ. ޚާރިޖީ ދާއިރާގެ މި އިމާރާތުގެ ނަން މަރުޚޫމް ފަތުޙުﷲ ޖަމީލުގެ ނަމަށް މިވަނީ ބަދަލުކޮށްފައެވެ.

އަލްއުސްތާޛު ފަތުޙުﷲ ޖަމީލް، ސަރުކާރަށް ޚިދްމަތް ކުރައްވަން ފަށްޓަވާފައިވަނީ، 18 ނޮވެމްބަރ 1969 ގައެވެ. ފަތުޙުﷲ ޖަމީލަކީ، ރާއްޖޭގެ ޚާރިޖީ ވަޒީރުކަން 27 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައިވާ އަދި ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އެމަނިކުފާނު އެންމެ ފުރަތަމަ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެވުނީ، ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި، 14 މާޗް 1978 ގައެވެ. އޭގެފަހުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް 11 ނޮވެމްބަރ 1978 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީވެސް އަލްއުސްތާޛު ފަތުޙުﷲ ޖަމީލެވެ. އެމަގާމުން 14 ޖުލައި 2005 ގައި އެމަނިކުފާނު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް ހަމަޖެއްސެވިއެވެ. އަލްއުސްތާޛު ފަތުޙުﷲ ޖަމީލު އެންމެފަހުން ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރ ކަމުގެ މަގާމުގައެވެ.

މަރްހޫމް އަލްއުސްތާޛު ފަތުޙުﷲ ޖަމީލު، ދައުލަތަށް ކުރައްވާފައިވާ ޚިދްމަތްތަކުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ރައީސް މައުމޫންވަނީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު (ނ.ޢ.ޢ.ވ) އަރުވާފައެވެ. އަދި 2 ޑިސެމްބަރ 2008 ގައި އަލްއުސްތާޛު ފަތުޙުﷲ ޖަމީލަށް، ކުރީގެ ރައީސް މުޙަންމަދު ނަޝީދުވަނީ ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބު އަރުވާފައެވެ.