ޚަބަރު

ޝަރުޢީ މަރުޙަލާ އަވަސްކުރުމަށް ސަރކިޓް ކޯޓް ޤާއިމްކުރަނީ


ޝަރުޢީ މަރުޙަލާ އަވަސްކޮށް، އިންޞާފު ލިބޭނެ އިންތިޒާމް ކަށަވަރުކުރުމަށްޓަކައި، ރާއްޖޭގައި ސަރކިޓް ކޯޓް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ފަނޑިޔާރުގެ އިޞްލާޙުކުރުމަށް ފާއިތުވި ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާކަމަށެވެ. ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން، އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް، މިހާރު އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މިއަހަރުގެ ތެރޭގައި ސަރކިޓް ކޯޓެއް ޤާއިމްކުރުމަށް މަޖިލީހަށް ބިލެއް ފޮނުއްވާނެކަމަށް ވިދާޅުވެފައެވެ.

"ޝަރުޢީ މަރުޙަލާ އަވަސްކޮށް، އިންޞާފު ލިބޭނެ އިންތިޒާމް ކަށަވަރުކުރުމަށްޓަކައި، ސަރކިޓް ކޯޓް ތަޢާރުފު ކުރުމަށް ބޭނުންވާ ޤާނޫނުގެ ބިލު އެކުލަވާލައި، މިއަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން އަޅުގަނޑު ޤަޞްދުކުރަން." ރައީސް ވިދާޅުވިއެވެ.

ސާރކިޓް ކޯޓާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ރިޔާސީ ބަޔާން 2021 ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވީ، އެކޯޓް ޤާއިމްކުރުމާިއ ބެހޭ ބިލް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރައްވަމުން ދިޔަނަމަވެސް އަދި އޭގެ އެންމެ ތަފްސީލަށް އަދި ދެވިފައިނުވާކަމަށެވެ. ނަމަވެސް ސާރކިޓް ކޯޓް ޤާއިމްކުރުމަކީ ޝަރުޢީ ދާއިރާތައް ކަނޑައެޅުންކަމަށާއި، އެ ދާއިރާތަކުގައި ކޯޓުތައް ޤާއިމްކުރުންކަމަށެވެ.

"ބައެއް ތަފާސް ހިސާބުތަކަށްބަލާއިރު ވަރި ކައިވެނި އެކަނި ކޮށްދޭ ކޯޓްތައްވެސް އެބަހުރި އިނގޭތޯ. މައްސަލަތައް ނުވަންނަ ތަނެއް، ރަށެއްކަމަށްވަންޔާ، ކޮންމެހެން ޤާޟީއަކު ހުންނަންޖެހޭތޯ. އެއަށްވުރެ މާރަނގަޅު ނޫންތޯ އެސަރަހައްދުގެ އިސް ޤާޟީގެ ބެލުމުގެ ދަށުން އެކަން ކުރެވޭނެ ނިޒާމެއް ޤާއިމްކުރެވިފަ އޮވެއްޖެއްޔާ. އަދި މީގެ ތަފްސީލްތަކަށް އަޅުގަނޑުމެންނަށް ނުދެވުނުކަމަށްވިޔަސް މިފިކުރު، އަވަހަށް، ދައުލަތުގެ ފައިސާވެސް ބޭކާރު ނުވެ ރައްޔިތުންނަށް އިންސާފު ލިބޭނެކަހަލަ، ލާމަރުކަޒީ އުސޫލުން މިކަން ކުރެވޭނެ ގޮތް އިރާދަކުރެއްވިއްޔާ ބައްޓަންކުރާނީ. އެގޮތަކީ ރައްޔިތުންނާއި ގާތުން އަވަހަށް އިންސާފް ލިބިދެވޭނެ ނިޒާމެއް އިރާދަކުރެއްވިއްޔާ." އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހް ކުރުމަށް ކުރައްވާ މަސައްކަތްޕުޅަކީ ވަރަށް އިޚްލާސްތެރި ނިޔަތުގައި ކުރައްވާ މަސައްކަތްޕުޅެއް ކަމަށާއި އެކަން ކުރައްވަނީ ޝަރުއީ ނިޒާމާމެދު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދައިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހް ކުރުމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ޤާނޫނުތަކަށް އިސްލާހްތަކެއް ގެންނަން ޖެހޭކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ޝަރުޢީ ދާއިރާއާ ގުޅޭ ޤާނޫނުތަކަށް އިސްލާހް ގެނައުމަށް ހުށައަޅުއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވަނީ މިދިޔަ އަހަރު ޝަރުޢީ ނިޒާމްގެ މަސައްކަތް ފެށުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތުގައެވެ.