ކުޅިވަރު

އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ޓޮޓްނަމް ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ލަންޑަންއަށް ނިސްބަތްވާ ދެޓީމް ކަމަށްވާ ޗެލްސީ އާއި ޓޮޓްނަމްގެ ކުރިމަތިލުން ޗެލްސީ ކާމިޔާބުކޮށްފިއެވެ. ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.
މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖަހާދިނީ ލިބުނު ޕެނަލްޓީ އަކުން ޗެލްސީގެ ޖޯޖީނިއޯއެވެ. މި ޕެނަލްޓީއަކީ ޓޮޓްނަމްގެ އެރިކް ޑައަރ އެޓީމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޗެލްސީގެ ޓިމޯ ވަރނަރއަށް ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެކެވެ. މިމެޗްގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ޓޮޓްނަމްގެ ފަރާތުން މާ ރަގަޅު ކުޅުމެއް ފެނިގެން ގޮސްފައެެއް ނުވެއެވެ. މިމެޗްގައި ޗެލްސީގެ ވަރނަރ އަށާއި މޭސަން މައުންޓްއަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތު ލިބި ބޭކާރުވިއެވެ. އަދި ޓޮޓްނަމްގެ ކީޕަރ ހޫގޯ ލޮރިސްވަނީ ނުރައްކާތެރި ދެ ހަމަލައެއް މަތަކޮށްފައެވެ. އަދި ޓޮޓްނަމްއިން އެޓީމްގެ ކުޅުން ދެވަނަ ހާފްގައި ރަނގަޅު ކުރި ނަމަވެސް ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިނުވެ ފަރުޖެއްސޭގޮތެއްނުވިއެވެ.

މެޗަށްފަހު ވަހަކަ ދައްކަމުން ޗެލްސީގެ ކޯޗް ތޯމަަސް ޓުކެލް ހާމަކުރިގޮތުގައި ނަތީޖާއާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި މިއީ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅުނު އުނދަގޫ މެޗެއް ކަމަށާއި ނަމަވެސް އޭނާގެ ކުޅުންތެރިން މިމެޗްގައި ރަނގަޅު ކުޅުމެއް ދެއްކިކަމަށެވެ. އަދި ވަރުގަދަ ޓީމްތަކާއި ދެކޮޅަށް ކުޅޭއިރު އުނދަގޫ ވަގުތުތައް އަންނާނެކަން ޤަބޫލް ކުރަންޖެހޭނެ ކަމަށާއި ނަމަވެސް އެވަގުތުތަކުގައިވެސް ހުރިހާ ކުުޅުންތެރިން ޓީމެއްގެ ގޮތުގައި ޑިފެންޑް ކުރިތަން ފެނުމަކީ ހިތްހަމަ ޖެހުމެއް ކަމަށް ޓުކެލް ހާމަކުރިއެވެ.

ޓޮޓްނަމްގެ ކޯޗް ޖޯސޭ މޮރީނިއޯ ހާމަކުރިގޮތުގައި އޭނާގެ ޓީމަަށްވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް މެޗް ނިމެން ގާތް ވެފައިވަނިކޮށް ލިބުނު ކަމަށާއި އަދި މެޗްގެ ނަތީޖާ ނިކުތީ ޕެނަލްޓީއަކުން ކަމަށް އޭނާ ހާމަކުރިއެވެ. އަދި މޮރީނިއޯވަނީ ޕެނަލްޓީގެ ސައްހަ ކަމާމެދު ސުވާލު އުފައްދާފައެވެ. މޮރީނިއޯ ހާމަކުރުގޮތުގައި އެއީ ދޭންޖެހޭ ޕެނަލްޓީއެއް ނޫނެވެ. އަދި މެޗްގެ ރެފްރީ އަންޑްރޭ މެރިނަރގެ ނިންމުންތަކަށް ފާޑުކިޔާފައެވެ. އޭނާ ހާމަކުރިގޮތުގައި ޗެލްސީ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅޭ އިރު އެކަހަލަ ޕެނަލްޓީއެއް ދިނުމުން ޓީމްގެ ކުޅުމަށް އަސަރު ކުރި ކަމަށެވެ. އަދި މެޗްގެ ފުރަތަމަ ހާފްގައި އޭނާގެ ޓީމަށް ރަނގަޅަށް ނުކުޅެވުނު ކަމަށާއި ނަމަވެސް ދެވަނަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށް މޮރީނިއޯ ހާމަކުރިއެވެ.

މިއީ ޓޮޓްނަމް ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. އަދި އެޓީމްގެ ތަޖްރިބާކާރު ފޯވަޑް ހެރީ ކޭން ނެތްތަން ވަރަށް ބޮޑަށް ދައްކަމުންދެއެވެ. މި ކާމިޔާބީއާއެކު ޗެލްސީވަނީ ކުޅުުނު 22 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޓޮޓްނަމްވަނީ ކުޅުނު 21 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައަށް ވެއްޓިފައެވެ.