ޚަބަރު

އެމް.ޕީ.އެލް ސައިޓުގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް، އެކަކަށް ފަރުވާ ދޭން ފަށައިފި


އެމް.ޕީ.އެލް ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއްވެ، އައި.ޖީ.އެމް.އެޗުގައި ފަރުވާދޭން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ކާޕެޓް ރޯލެއް ވެއްޓި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ މަޖޫރީއަކަށެވެ. އަދި މި ޙާދިސާ ހިނގާފައިވަނީ ރޭ މެންދަމު 2:15 ހާއިރެވެ. އައި.ޖީ.އެމް.އެޗުން ވިދާޅުވީ، އޭނާއަށް މިވަގުތުވެސް އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާދެމުންދާކަމަށެވެ. އަދި އޮޕަރޭޝަން ނިމުމުންނޫނީ، އޭނާގެ ޙާލަތާމެދު ވަކި އެއްޗެއް ދަންނަވަން ދަތިކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމް.ޕީ.އެލްއިން ވިދާޅުވީ، ހާދިސާގައި އަނިޔާވެފައިވަނީ މިނާ އިންވެސްޓްމަންޓް ގްރޫޕް، ނަމަކަށް ކިޔާ ކްލިއަރެންސް ކުންފުންޏެއްގެ މަޖޫރީއަކަށް ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ޓާފް ކާޕެޓް ރޯލްތަކެއް ކެރޭނަކުން ޕިކަޕަށް ލޯޑުކުރުމުގެ ތެރޭގައި ކާޕެޓް ރޯލެއް ވެއްޓިގެންކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.

މިދިޔަމަހުގެ 7ވަނަ ދުވަހު ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ހާދިސާގައިވެސް ޒުވާނަކު ވަނީ ނިޔާވެފައެވެ. މިހާދިސާއާ ގުޅިގެން ފަރުވާދެމުންދަނިކޮށް އުމުރުން 27 އަހަރުގެ އެ ޒުވާނާ ނިޔާވެފައިވަނީ މިދިޔަމަހުގެ 16 ވަނަ ދުވަހުއެވެ.

އެމްޕީއެލް ސަރަހައްދުގައި މިއަދު ހިނގި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާ، މި ފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ. މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުންފުނިން ބޮޑު އަހައްމިއްޔަތެއް ދެއްވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.