އިތުރު 134 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޯވިޑް-19ޖެހުނު މީހުންގެ ޖުމްލަ 16400އިން މައްޗަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބުދަދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 134މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން ޕޮޒިޓިވްވި 110 މީހުންނާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 9 މީހުންނާއި، ރިސޯޓުތަކުން ބައްޔަށް ޕޮޒިޓިވްވި 13 މީހުން އަދި ސިނާއީ މަސައްކަތްކުރާ ރަށަކުން ބައްޔަށް ޕޮޒިޓިވްވި މީހެކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 16410 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 82 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 14419 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 1،930އެވެ. ވޭތުވެދިޔަ 24ގަޑިއިރު މި ބަލީގައި އިތުރު މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެއް ނުވެއެވެ. މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ މިބަލިމީހުންގެ އަދަދަކީ 178އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3886 ސާމްޕަލްވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 424323 ސާމްޕަލްވަނީ ނަގާފައެވެ. ބަލީގައި އިތުރު މީހަކު ނިޔާވެ، ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 54އަށް އަރާފައެވެ. އެއީ 46 ދިވެހިންނާއި، 8 ބިދޭސީންނެވެ.