ޚަބަރު

5 ރަށެއްގައި ޖަނަރޭޓަރު އިންސްޓޯލް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި


ފަސް ރަށަކަށް ކަރަންޓް އުފައްދައިދޭ
ޖަނަރޭޓަރު ގެންގޮސް އިންސްޓޯލްކޮށް، އެ ރަށްރަށުގެ ކަރަންޓާ ގުޅޭ އެކިއެކި
މަސައްކަތްތައް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.



ފެނަކަ އާއި ގުޅިގެން
ސަރުކާރުން ކުރިއަށްގެން ދާ މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ އެލްޓީއޭ
ޕްރޮޖެކްޓްސް ކުންފުންޏާއިއެވެ.



ޝީ ބިލްޑިންގްގައި
ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަތީނު މުހައްމަދުއެވެ.
އެލްޓީއޭ ޕްރޮޖެކްޓްސް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އެޗްޑީ
ޗަމިންދާއެވެ.



މި ރަސްމިއްޔާތުގައި ވާހަކަ
ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަބްދުލް މަތީނު މުހައްމަދު ވިދާޅުވީ  މި މަޝްރޫއަށް ގާތްގަނޑަކަށް 4.2 މިލިއަން
ރުފިޔާ ހަރަދުވާނެކަމަށާއި ބައެއް ރަށްރަށުގެ ކަރަންޓް ވިއުގަ މައްސަލަޖެހި
ބާވެފައިވާތީ އެ ރަށްރަށުން ކަރަންޓް ވިއްކައިގެން ލިބެނީ ގެއްލުން ކަމަށެވެ.
އެހެންކަމުން މިކަންތައް ވީހާވެސް އަވަހަށް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް
މަތީން ވިދާޅުވިއެވެ.



މިއަދު ވެވެނު އެއްބަސްވުމުގެ ދަށުން
އައްޑޫ ސިޓީ ހިތަދޫ އާއި، ގއ. ވިލިގިލި އާއި ތ. ބުރުނި އާއި ޅ. ކުރެންދޫގެ
އިތުރުން ބ. ގޮއިދޫ އަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ ޖަނަރޭޓަރ ގެންދިއުމަށް
ހަމަޖެހިފައިވާކަމަށާއި އެ ރަށްރަށުގެ ކަރަންޓު ނަރުތައް އަޅައި އެކަންކަން ކުރާނެ
ގޮތުގެ ޑިޒައިން ތައްޔާރުކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް
މިނިސްޓްރީން ބުނެއެވެ.