ޚަބަރު

ރާއްޖޭގައި ކެންސަރު ބަލީގައި މަރުވާ މީހުންގެ ނިސްބަތް 17 އިންސައްތައިގައި


ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ. ފުރާނައަށް ނުރައްކާވާ މިބަލި އެތައް ބަޔަކު ތަޙައްމަލުކުރަމުން އަންނައިރު ރާއްޖޭގައި މީހުންގެ ދިރިއުޅުމުގެ އާދަކާދަ ބައްޓަންވެފައިވަނީ މިނުރައްކަލަށް ހުށައެޅޭގޮތަށްކަމީ ސިއްޙީ މާހިރުންގެ ކަންބޮޑުވުމެކެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކާއި ގުޅޭގޮތުން ޢާއްމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުގައި ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން 84 އިންސައްތަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައެވެ. މީގެތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރުބަލީގައި ދުނިޔެ ދޫކުރާ މީހުންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ކެންސަރު ބަލި ކޮންޓްރޯލްކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކެންސަރު ބަލީގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ކެންސަރުގެ އެކި ބާވަތްތައް ޢާއްމުވަމުން އަންނައިރު އެބާވަތްތަކާއި ބަލިޖެހިފައިވާ މީހުންގެ މަޢުލޫމާތު އެއްތާކުން ފެންނާނެގޮތެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން ރާއްޖޭގައި ތިބީ ކެންސަރަށް ފަރުވާ ހޯދާ ކިތައް މީހުންކަން އެނގޭކަށް ނެތެވެ. ހެލްތު މިނިސްޓްރީން އެކުލަވާލާ ދަފްތަރާއެކު މިމައްސަލައަށް ޙައްލެއްލިބިގެންދާނެއެވެ. އަދި ކެންސަރާއި ގުޅިގެން ތައްޔާރުކުރާ އުސޫލުތަކާއި ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ކެންސަރު ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ނޭޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން އެކުލަވާލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައިވެސް ކެންސަރުގެ އެކި ވައްތަރަށް ސްކްރީންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހެވެ. ޑަބްލިއުއެޗްއޯއިން މިއަހަރު ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ކަނޑައަޅާފައިވާ ޝިއާރަކީ "I am and I will"، މިޝިއާރެވެ. ކެންސަރު ބައްޔަކީ ހަށިގަނޑުގެ ސެލްތަކުގެ ތެރެއިން ބައެއް ސެލްތަކަށް އާދަޔާ ޚިލާފަށް އަންނަ ބަދަލެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ އެއް ގުނަވަނުން އަނެއް ގުނަވަނަށް ފެތުރިގެން ދިޔުމުގެ ފުރުސަތު ބޮޑު ބައްޔެކެވެ. އެހެންކަމުން ފުރާނައަށް ނުރައްކާވާ މިބަލިން ސަލާމަތްވުމަށް ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަތުމަކީ މުހިއްމުކަމެކެވެ.