ދުނިޔޭގެ ވިޔަފާރި

ގެއްލުންވި ނަމަވެސް މުވައްޒަފުންނަށް ބޯނަސް ދޭނަން: ބޮއިންގ


2020 ވަނަ އަހަރުގައި އެމެރިކާގެ ބޮއިން ކުންފުންޏަށް 12 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވި ނަމަވެސް އެ ކުންފުނީގެ މުވައްޒަފުންނަށް ޕާޕޯމަންސް ބޯނަސް ދިނުމަށް ނިންމައިފިއެވެ.

2019ވަނަ އަހަރުގެ ތެރޭގައި ބޮއިން ކުންފުނީގެ 737 މެކްސް މަރުކާގެ ޖެޓުތައް ބޭނުން ނުކުރުމަށް އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން އެންގުމާއި ގުޅިގެން އެ އަހަރު އެ ކުންފުންޏަށްވަނީ 636 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައެވެ. އެހެންވެ އެ ކުންފުނީގެ ގިނަ މުވައްޒަފުންނަށް އެ އަހަރުގެ އަހަރީ ބޯނަސް ދީފައެއް ނުވެއެވެ.

އެއަށްފަހު އެ ކުންފުނިން ވަނީ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސްދޭ އުސޫލަށް ބަދަލު ގެނެސް، 737 މެކްސް މަރުކާގެ މަތިންދާބޯޓުތައް އަލުން އުދުހުމުގެ ޙުއްދަދޭ ތާރީޚާއި ދިމާކޮށް ބޯނަސްދޭގޮތަށް ހަމަޖައްސާފައެވެ. މީގެ ކުރިން އެ ކުންފުނިން ބޯނަސް ދެމުންދިޔައީ ކުންފުންޏަށް ލިބޭ ފައިދާގެ މައްޗަށް ބިނާކޮށެވެ.
މިދިޔަ އަހަރުވެސް ބޮއިން 737 މެކްސް މަރުކާގެ މަތިންދާބޯޓު އުދުހުން ހުއްޓުމުގެ ސަބަބުންނާއި ކޯވިޑް-19ގެ ސަބަބުން ވައިގެ ދަތުރުތަކަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ބޮއިންގ ކުންފުންޏަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.

ކުންފުންޏަށް ދިމާވި މާލީ ދަތިތަކުގެ ސަބަބުން ވޮޝިންގޓަން ސްޓޭޓުގައި އެ ކުންފުންޏަށް މަސައްކަތްކުރަމުންދިޔަ 14000 މީހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެ ކުންފުނީގެ އެކި ބުރާންޗުތަކުން މުޅިއަކު 20000 މީހުންވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މިވަގުތު އެ ކުންފުނީގައި މަސައްކަތްކުރަނީ 141014 މުވައްޒަފުންނެވެ.

ބޮއިން ކުންފުނީގެ 737 މެކްސް މަރުކާގެ މަތިންދާބޯތުތައް އަލުން އުދުހުމުގެ ޙުއްދަ ދީފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ މެދުތެރޭގައެވެ. އެގޮތުން އެ ނިންމުމަށްފަހު އެ މަރުކާގެ ފުރަތަމަ މަތިންދާބޯޓު ޙަވާލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގައެވެ. އެއާއެކު ބޯނަސް ދިނުމުގެ އައު އުސޫލުގެ ދަށުން މުވައްޒަފުންނަށް ފައިސާ ދޫކުރެވޭނެކަން ވަނީ ޔަޤީންކޮށްފައެވެ.

ބޮއިން ކުންފުނީގެ ސީއީއޯ، ޑެވް ކަލްހޫން ވިދާޅުވީ ބޮއިން ކުންފުނީގެ ޓީމުން ހޯދާފައިވާ ކުރިއެރުންތައް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބަލައިގެންފައިވާކަމަށެވެ. ބޮއިން ކުންފުނީގެ ހިއުމަން ރިސޯސް ޑިވިޜަންގެ އެކްސެކެޓިވް ނައިބު ރައީސް، މައިކް ޑީއެމްބްރޯސް ވިދާޅުވީ 2020ވަނަ އަހަރަކީ ބޮއިން ކުންފުންޏަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއް ނަމަވެސް އެ އަހަރުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުން ގަދައަޅާ މަސައްކަތްކޮށްފައިވާކަމަށެވެ.

އަންނަ މަހުގެ ތެރޭގައި ބޯނަސް ފައިސާ ދޫކުރާނެކަމަށް ބޮއިން ކުންފުނިން ބުނެފައިވާއިރު، ބޯނަހުގެ ގޮތުގައި ދޭ ޢަދަދު އެއް ޑިޕާޓްމަންޓާއި އަނެއް ޑިޕާޓްމަންޓާ ތަފާތުވާނެއެވެ. އޭގެ އިތުރުން ކޮންމެ މުވައްޒަފެއްވެސް މަޤާމުގެ މަސްޢޫލިއްޔަތު ޢާދާކޮށްފައިވާ ފެންވަރުގެ މައްޗަށް ބަލައި، ބޯނަސްދޭ ޢަދަދަށް ބަދަލު އަންނާނެއެވެ. އެގޮތުން ކޮމާޝަލް އެއާކުރާފްޓު ޑިވިޜަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ ވަޒީފާ ޢަދާކުރުމުގެ ފެންވަރު 6 އިންސައްތައިގައި ހުރިނަމަ 2020ވަނަ އަހަރަށް ލިބޭ އަހަރީ ބޯނަސް ލިބޭނީ އެ 6 އިންސައްތައިގެ 58 އިންސައްތައާއި އެއްވަރުގެ ޢަދަދަކަށް، ނުވަތަ އަހަރީ މުސާރައިގެ 3.5 އިންސައްތައާއި އެއްވަރުގެ ޢަދަދަކަށެވެ. ނަމަވެސް މެނޭޖްމަންޓް ފެންވަރުގެ މުވައްޒަފުންނަށް ބޯނަސް ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި ގުޅޭގޮތުން ބޮއިން ކުންފުނިން އެއްވެސް މަޢުލޫމާތެއް ދީފައެއް ނުވެއެވެ.