ވަކި ބޭފުޅަކު ސަރުކާރުގައި މިހާރު ނެތުމުން، ރާއްޖޭގެ އިޤްތިސާދީ ބޮޑެތި މަޝްރޫއުތަކަށް އޭގެ އަސަރެއް ނުކުރާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޤައުމާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަދާކުރައްވަމުން ގެންދެވި ޒިންމާތަކުން ދުރުކުރައްވައި، އެކަންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސީދާ ބެއްލެވެމުގެ ދަށުން ހިނގާގޮތަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހަމަޖައްސަވާފައިވާކަމަށެވެ. މިގޮތުން، ސްޕެޝަލް އިކޮނޮމިކް ޒޯންސް އޮފް މޯލްޑިވްސްގެ އިންވެސްޓްމަންޓްތައް ބަލަހައްޓާ ބޯޑުގެ ޗެއާ ކަމުންނާއި، އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ކޯ-ޗެއާ ކަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދުރުކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ނައިބް ރައީސް އެކަހެރި ކުރަން ޖެހުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ނޫން ކަމަށާއި، ރާއްޖެއަށް އަންނަން ހުރި އިންވެސްޓްމަންޓްތަކަށް އެއްވެސް ދައްޗެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މީގެ ފަހުން ހުރިހާ ކަމެއްވެސް ވަރަށް ގާތުން ބައްލަވާނެ ކަމަށާއި ސަރުކާރުން މިހާރު އެއްމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ ދެ މަޝްރޫއު ކަމަށްވާ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު އަދި ބުރިޖްގެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ކުރިންވެސް ލަފާކޮށްފައިވާގޮތަށް ބްރިޖްގެ މަސައްކަތް ކަނޑައެޅިފައިވާގޮތަށް 2017 ނުވަތަ 2018 ގެ މެދެއްހާ ހިސާބަށް ނިންމާލެއްވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން މި ފަހަރު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަށް އަލިއަޅުވާލައްވަމުން، ދަތުރުފުޅުގައި ސައުދީ ސަރުކާރާއެކު ބޭއްވުނު ރަސްމީ ވާހަކަތަކުގައި، ސައުދީ އިން ރާއްޖެއަށް ސާފު ނުކުރާ ތެޔޮ ވިއްކުމަށް އެއްބަސްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ހޯދާ ސާފުނުކުރާ ތެޔޮ ސާފުކޮށްދޭނެކަމަށް ސިންގަޕޫރުގެ ރިފައިނަރީއިން އެއްބަސްވެފައިވާކަމަށާއި، މީގެ ސަބަބުން ރާއްޖޭގައި ތެޔޮ އަގު ހެޔޮކޮށް ވިއްކޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.