ވިޔަފާރި

ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ބިމެއް ދޫކުރަނީ


ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ނ. މަނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 132,000 (އެއްލައްކަ ތިރީސް ދެހާސް) އަކަފޫޓުގެ ބިމެކެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 18 ވަނަ ދުވަހުގެ 13:00 ގައި ޒޫމް މެދުވެރިކޮށް ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި 14 މާރިޗުގެ ކުރިން ބީލަން ހުށައަޅަން ޖެހޭނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރު އީމެއިލް ކުރަންޖެހޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ބީލަން ފޮތް ލިބެންހުންނާނީ 8 ފެބުރުވަރީ އިން 10 މާރިޗުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އާއި ދެމެދު މިނިސްޓްރީ އޮފް ޓޫރިޒަމްއިންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްކުރަމުންނެވެ. އެގޮތުން މީގެކުރިންވެސް ފަތުރުވެރިކަމަށް ރަށްރަށުން ވަނީ ބިން ދޫކޮށްފައެވެ.