ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދިނުން މާދަމާ ފަށަނީ


ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މާދަމާއިން ފެށިގެން ކޯވިޑް-19 ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް 20000 ޑޯޒް ވެކްސިން ވަނީ ހާއްސަކޮށްފައެވެ. މިއީ 10000 މުވައްޒަފުންނަށް ބޭނުންކުރެވޭނެ ވެކްސިންނެވެ.

ފަތުރުވެރިކުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ޖެހުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މަޢުސޫމް ވިދާޅުވީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފުރަތަމަ ފަށާއިރު އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ސީދާ ފަތުރުވެރިންނާއި ޑައިރެކްޓްކޮށް ދިމާވާ މުވައްޒަފުންނަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ވެކްސިން ޖަހަން ފަށާއިރު މިގޮތަށް އިސްކަންދިން ނަމަވެސް ކުރިމަގުގައި ރާއްޖެއަށް އިތުރު ވެކްސިންތައް ލިބި ހުރިހާ މުވައްޒަފުންނަށްވެސް ވެކްސިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

"ޑޯޒް ޖަހަމުންދާއިރު އިތުރު ވެކްސިން ލިބި، އަހަރުގެ މެދެއްހާ ހިސާބަށްދާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަކީ ވެކްސިން ޖެހުމުގެ ފުރުސަތު ހުރިހާ ފަރާތަކަށްވެސް ލިބިފައިވާ އިންޑަސްޓްރީއަކަށް ވެގެންދާނެ،" މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވެކްސިން ދޭން ފެށުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންގެ ލިސްޓުތައް މިހާރު ހޯދަމުންދާ ކަމަށެވެ. އަދި މިކަމަށް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ގާތްގަނޑަކަށް 51000 މުވައްޒަފުން ދަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަމުންނެވެ.