ވިޔަފާރި

ރަޝިޔާ ފަހަތަށް ޖައްސާލުމަށްފަހު މާކެޓްގެ ކުރިއަށް އިންޑިއާ


ރަޝިޔާ ފަހަތަށް ޖައްސާލުމަށްފަހު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ޤައުމަކަށް އިންޑިއާ ވެއްޖެއެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު އެންމެ ވާދަވެރި 2 މާކެޓްގެ ގޮތުގައި އުޅުނީ ރަޝިއާ މާކެޓާއި އިންޑިއާ މާކެޓެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެއްގެ ގޮތުގައި އޮތީ ރަޝިޔާއެވެ. އަދި މިއަހަރުގެ ޖަނަވަރީ މަސް ނިމުނުއިރުވެސް 1838 ފަތުރުވެރިންގެ ތަފާތަކާއިއެކު 1 ވަނައިގައި އޮތީ ރަޝިއާ މާކެޓެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ފުރަތަމަ 2 ދުވަސް ނިމުމުއިރު ރަޝިއާ ފަހަތަށް ޖައްސައި، އިންޑިއާ ވަނީ މާކެޓްގެ ކުރި ހޯދާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހާއި ހަމައަށް އިންޑިއާއިން ރާއްޖެއަށް ވަނީ 62960 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން ރާއްޖެ އައީ 61387 ފަތުރުވެރިންނެވެ. މިމުއްދަތުގެ ތެރޭގައި 3 ވަނައިގައި އުޅެނީ 57720 ފަތުރުވެރިންނާއިއެކު އިނގިރޭސިވިލާތެވެ.

ކޯވިޑް19ގެ ކުރިން އިންޑިއާއަކީ ރާއްޖެއަށް 5 ވަނައަށް އެންމެ ގިނައަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ނަމަވެސް ކޯވިޑް19 އަށްފަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށް އިންޑިއާވުމުގެ ސަބަބުތައް ގިނައެވެ. އޭގެތެރޭގައި ރައީސް އިބްރާހިމް ސާލިޙްގެ ވެރިކަމުގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމްވެފައިވާ ވަރުގަދަ ގުޅުން ފާހަގަކޮށްލެވެއެވެ.

2019 ވަނަ އަހަރު އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމްކުރި ބައިލެޓްރަލް ވިސާ ފްރީ އެގްރިމަންޓްގެ ސަބަބުންވެސް އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަމަށް ހައިކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް19ގެ ޕެންޑަމިކްގެ ތެރޭގައި އިންޑިއާއާއި ރާއްޖެއިން ވަނީ ދެކުނު އޭޝިއާގައި ޤާއިމްކުރި ފުރަތަމަ "އެއަރ ޓްރެވެލް ބަބުލް" ޤާއިމްކޮށްފައެވެ. މި ބަބުލްގެ ސަބަބުން އިންޑިއާގެ މަޝްހޫރު އެތައް ތަރިންނެއް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެ ސަބަބުންވެސް އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ ޝައުޤުވެރިކަން އިތުރުވެ އެޤައުމުގެ ފަތުރުވެރިން ވަނީ ރާއްޖެއަށް ދަތުރުކުރަން ފަށާފައެވެ.

އިންޑިއާ – ރާއްޖެ ޓްރެވެލް ބަބުލްއާއިއެކު އިންޑިއާގެ ގިނަ އެއަރލައިންއަކުން މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އޭގެތެރޭގައި އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ އަދި ސްޕައިސްޖެޓް ފަދަ އެއަރލައިންތައް ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުންވެސް އަންނަނީ އިންޑިއާއަށް ދަތުރުކުރަމުންނެވެ. ގިނަ އެއަރލައިންތަކަކުން އިންޑިއާގެ ގިނަ ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުފެށުމަކީވެސް އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުމުގެ އަސްލެކެވެ.

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ގުޅިގެން ވެބިނަރތަކާއި ވަރޗުއަލް އިވެންޓްތައް ރާވާ ހިންގާ، ދިވެހިރާއްޖޭގެ ޓްރެވެލް އެޖެންޓުންނާއި އިންޑިއާގެ ޓްރެވެލް އެޖެންޓުން ގުޅުވާލަދީފައެވެ. މިއީވެސް އެ ޤައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އެހީތެރިވެދިން ކަމެކެވެ.